12 މެއި 2022 - 12:23

އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ) އާއި ގުޅިގެން އެއްވެސް ފީ އަކާ ނުލައި, އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ފްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ ހިންގާ މި ޕްރޮގްރާމަކީ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓްގެ ޕްރޮގްރާމެކެވެ. އެއީ އޭއޭޓީގެ ސެޓްފިކެޓް 3 އަދި 4 އެވެ.
މި ކޯސް ކުރިއަށް ދަނީ ވޯލްޑް ބޭންކުގެ ކޯވިޑް-19 އާ ގުޅިގެން ދިން އެހީގެ ދަށުންނެވެ. އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ގައުމީ ޔުނިވާސިޓީން ހިންގާ މި ކޯހުގައި ގްރޭޑް 10 ނިންމާފައިވާ އަދި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ބައިވެރިވެވޭނެ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މި ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ލިބޭނެ އެވެ. މި ކޯސްތަކަށް އެފްލައި ކުރުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ކޯސްތަކުގައި ކިޔެވުން ފެށޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އަށް މަސް ދުވަހަށް ކުުރިއަށްގެންދާ މި ކޯހަކީ އެއްވަސް ފީ އަކާ ނުލައި ހިންގާ ޕްރޮގްރާމައަކަށް ވާތީ، ކޯހުގެ ހުރިހާ ހަރަދަކާއި އިމްތިހާންތަކުގައި ބައިވެރިވުމަށްޓަކައި ހިނގާނެ ހުރިހާ ހަރަދެއް ކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އަދި ބައިވެރިވާ ކޮންމެ ދަރިވަރަކަށް 5،000ރ. މަހު އެލަވަންސެއް ވެސް ދޭނެ އެވެ.