14 މެއި 2022 - 10:23

އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުން ތެލުގެ ވަގު ވިޔަފާރީގެ ހަބަކަށް ރާއްޖެ ހަދަމުން ދާ ކަމަށް ބުނެ އޭގެ ބައެއް ހެކި ރޮއިޓާސް އިން ދައްކައިފި އެވެ.
ސެޓަލައިޓް ބޭނުންކޮށްގެން އުޅަނދުތައް ދަތުރު ކުރާ ގޮތް ބަލާ ޓޭންކާސް.ކޮމް އާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ވެނެޒުއެލާ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ޕީޑީވީއެސްއޭ އިން އޮޕަރޭޓް ކުރާ ޓޭންކަރެއް މިދިޔަ މާޗް މަހު ތެރޭގައި ރާއްޖެ ސަރަހައްދަށް ގޮސް އީރާންގެ ތެޔޮ ބޯޓަކުން ކާގޯ ނަގައިގެން އެނބުރި އެ ގައުމަށް ގޮސްފައިވާ ކަމަށެވެ.
އެއީ އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ދެ ގައުމުގެ ތެލުގެ ބާޒާރު ކުރިޔަށް ގެންދިއުމަށް ބޭނުންކުރާ އާ އުކުޅެއް ކަމަށް ރޮއިޓާސް އިން ބުންޏެވެ.
އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ އަރުވާފައި ވަނީ ރާއްޖެ އާ 37 ނޯޓިކް މޭލު ދުރުންނެވެ.
ރާއްޖެ ސަރަހައްދުގައި ވެނެޒުއުލާ އާއެކު އަލަށް އެފަދަ މުއާމަލާތެއް ކުރި ނަމަވެސް އީރާނުން މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލުގެ ވަގު ވިޔަފާރި ހިންގާފައިވާ ކަމަށް ޔުނައިޓަޑް އަގެއިންސްޓް ނިއުކްލިއާ އިރާން (ޔޫއޭއެންއައި) އާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބޭ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.