26 ޑިސެމްބަރ 2016 - 13:16

ލަންޑަން (ޑިސެމްބަރު 26) – ޗެލްސީގެ ނަތީޖާތައް ރަނގަޅުވުމުގެ ސިއްރަކީ ކޯޗު އެންޓޯނިއޯ ކޮންޓޭ ކުޅުންތެރިންނަށް ކުރާ އިތުބާރު ކަމަށް އެ ޓީމުގެ ސްޕެނިޝް ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ބުނެފި އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަން ޕްރިމިއާ ލީގުގެ 10 ވަނައިގައި ނިންމާލި ޗެލްސީ އަށް އާ ކޯޗު ކޮންޓޭއާ އެކު ވެސް ލީގުގެ ކުރީކޮޅު ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. އެކަމަކު ފަހުން ނަތީޖާތައް ރަނގަޅުކޮށް އެ ޓީމު ވަނީ ޖެހިޖެހިގެން 11 މެޗުން މޮޅުވެ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.
"އަހަރެންގެ ކެރިއަރުގައި ވަރަށް ގިނަ މޮޅު ކޯޗުންނާ އެކު މަސައްކަތްކުރެވިއްޖެ. ޕެޕް ގާޑިއޯލާ އާއި ވިސެންޓެ ޑެލް ބޮސްކޭ ހިމެނޭ އޭގެ ތެރޭގައި. އެކަމަކު ކޮންޓޭއާ މެދު އަހަރެން ހައިރާންވީ އޭނާ ޓީމު ބަދަލުކޮށްލިލެއް އަވަސް ކަމުން. އޭނާ ކުރިހާ ވެސް ކަމަކީ ކުޅުންތެރިންނަށް އިތުބާރުކުރަން ފެށީ. ކުޅުންތެރިންގެ ކޮންފިޑެންސް ހޯދައިދިނީ އޭނާ. އެ ހިސާބުން ނަތީޖާތައް ރަނގަޅުވެއްޖެ،" ޕެޑްރޯ ބުންޏެވެ.
ޕެޑްރޯ ބުނީ މިހާރު ޗެލްސީގެ ހުރިހާ ކުޅުންތެރިން ވެސް އަމިއްލަ ނަފުސަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި ބަލަބަލައި ތިއްބާ ނަތީޖާތައް ރަނގަޅުވެ އެ ޓީމުން ލީގު ވެސް ނަގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުންޏެވެ.
"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިހާރު އެންމެންނަށް އިތުބާރުކުރޭ،" ޕެޑްރޯ ބުންޏެވެ.