14 މެއި 2022 - 19:11

ކޮލަމްބޯ (މެއި 14) - ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުވުމުގެ ކުރިން އަދިވެސް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި އަމާޒަކީ ރައްޔިތުން ބަނޑަށް ނުޖެހި، އާއިލާތަކަށް ތިން ކާންދެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ރަނިލްގެ ފުރަތަމަ އިންޓަވިއުގައި ވަނީ ދުނިޔޭގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި ގައުމު ބަނޑަށް ޖެހުނަކަ ނުދޭނެ ކަމަށާއި ކޮންމެވެސް ގޮތަކުން ކާބޯތަކެތި ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާގެ އިގްތިސާދު އޮތީ ފުނޑިފައި ކަމަށާއި ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކެތްތެރިވުން ކަމަށް ވެސް ހަވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވި އެވެ.
ރާޖަޕަކްސާ އާއިލާއާ ގުޅުން އޮންނަ ރަނިލް ވިދާޅުވީ ކުރީގެ ބޮޑުވަޒީރުގެ ސިޔާސަތުތައް އޭނާ ބަދަލު ކުރައްވާނެ ކަމަށެވެ.
"މި ގައުމު ހަމަ މަގަށް އެޅުމަށް ބޭރުގެ އެހީ މަދުވެގެން އަހަރަކަށް ބޭނުންވޭ. ކޮންމެ އެއްޗެއް ލިބުނަސް އޭގެ ބަދަލު ދޭނަން. އަޅުގަނޑުމެންނަށް އެހީތެރިވެ ދެއްވާ. މިއީ އޭޝިއާގެ އެންމެ ދުވަސްވީ ޑިމޮކްރެސީ އޮތް ގައުމު،" ރަނިލް ވިދާޅުވި އެވެ.
ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ 1948 ވަނަ އަހަރު އެ ގައުމު މިނިވަންވި ފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑުކަމެވެ. ކާބޯތަކެއްޗެއް، ތެލެއް، ބޭހެއް، ގޭހެއް ނެތެވެ. ޕެޓްރޯލް ހޯދަން ކިޔޫގައި އެތައް އިރަކު ތިބެންޖެހެ އެވެ.
މި ހުރިހާ ކަމަކަށް ކެތްނުވެގެން ރައްޔިތުން ނުކުމެ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފަ އެވެ.