ލީގު ކާމިޔާބުކުރުމުގެ އުއްމީދު ގެއްލުވާނުލަން: މިކިތާރްޔަން
ލީގު ކާމިޔާބުކުރުމުގެ އުއްމީދު ގެއްލުވާނުލަން: މިކިތާރްޔަން

މެންޗެސްޓާ (ޑިސެމްބަރު 26) – ޕްރިމިއާ ލީގުގެ ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތް ނަމަވެސް ލީގު ކާމިޔާބުކުރުމުގެ އުއްމީދު ދޫކޮށްނުލާ ކަމަށް އެ ޓީމުގެ އާމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ބުނެފި އެވެ.

ލީގުގައި މިރޭ ސަންޑަލެންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނައިރު އެ ޓީމާ އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާކީ 21 މެޗު އޮތްއިރު މިކިތާރްޔަން ބުނީ އަންނަ އަހަރު ތަށްޓެއްގައި އަތްލުމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ އަހަރެމެންނަށް ކާމިޔާބު ސީޒަނަކަށް މި ސީޒަން ވެގެންދާނެ ކަމަށް. އަހަރެން ބޭނުން ހުރިހާ ތަށްޓަކަށް ފައިޓްކުރަން. އުއްމީދުކުރަނީ 2017 ވަނަ އަހަރު ތަށިތަކެއް ހާސިލްކުރެވޭނެ ކަމަށް. އެކަމަކު މިވަގުތު ޔުނައިޓެޑް އޮތީ އެއް ވަނައިގައި އޮތް ޓީމާ ބޮޑު ފަރަގެއްގައި އެކަން ގަބޫލުކުރަން ޖެހޭ،" މިކިތާރްޔަން ބުންޏެވެ.

"އަހަރެމެން އަދި އުއްމީދު ކަނޑާނުލަން. އަހަރެން ގަބޫލެއް ނުކުރަން ފުރުސަތު ގެއްލިފައިވާ ކަމަކަށް ވެސް. ސީޒަނުގައި ބައިވަރު މެޗުތައް އެބަހުރި ހާއްސަކޮށް މިދުވަސްވަރު އެބަހުރި ގިނަ މެޗުތަކެއް."

ބޮރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑާ ގުޅުނު ކުޅުންތެރިޔާ އަށް ސީޒަނުގެ ކުރީކޮޅު ފުރުސަތު ނުލިބުނު ނަމަވެސް ފަހަކަށް އައިސް އޭނާ އަންނަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ދެ މެޗު ވަނީ ގެއްލިފަ އެވެ.

މިކިތާރްޔަން ބުނީ ޓީމުން ޖާގަ ލިބޭނީ ބުރަކޮށް މަސައްކަތްކޮށްގެން ކަމަށާއި އެހެންވެ މިދޭތެރެއިން ޓީމުން ފުރުސަތު ނުލިބުނަސް މާޔޫސްނުވާ ކަމަށެވެ. ބަދަލުގައި އޭނާ ދިޔައީ ޖާގަ ހޯދަން މަސައްކަތްކުރަމުން ކަމަށް މިކިތާރްޔަން ބުންޏެވެ.

"މި ކްލަބުން އަހަރެން 40 މިލިއަން ޕައުންޑަށް ގަތަސް އަހަންނަށް ފުރުސަތު ލިބޭނީ އަހަރެން އެ ފެންވަރަށް މަސައްކަތްކުރީމާ. އަދި ޖާގަ ލިބުނަސް ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނީ އެކި މެޗުގައި. ސަބަބަކީ ޓެކްޓިކަލީ ޓީމަށް ގެންނަ ބަދަލުތަކާ އެކު ބައެއް ކުޅުންތެރިންނަށް ޖާގަ ގެއްލޭތީ،" މިކިތާރްޔަން ބުންޏެވެ.