18 މެއި 2022 - 07:00

ޑީސީގެ ސުޕަހީރޯ ފްރެންޗައިޒް "އާކުއާމޭން"ގެ ދެވަނަ ބައިން، އެކްޓަރު އެމްބާ ހާޑް ބޭރުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާގެ މަންޒަރުތަކެއް އެ ފިލްމުން ކަނޑާލާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އެކްޓަރު ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން ހާޑްއާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ތެދުވަމުންނެވެ.
އެއާ އެކު، އާކުއާމޭންގެ ދެވަނަ ފިލްމުން ހާޑް ބޭރުކުރުމަށް ގޮވާލައި ގިނަ ބަޔަކު ވަނީ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ. "ޗޭންޖް. އޯގް"ގައި ހަދާފައިވާ އެ ޕެޓިޝަނެއްގައި މިހާރު ވެސް ތިން މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
އާންމުންގެ ފަރާތުން ޕްރެޝަރު ބޮޑުވާން ފަށާފައިވާއިރު، އެ ފްރެންޗައިޒްގެ ޕްރޮޑަކްޝަން ވޯނާ ބްރޯސް އިން ވަނީ ފިލްމުގެ މަންޒަރުތަކަކަށް ބަދަލު ގެނެސްފަ އެވެ.
ޑެޕާއި ހާޑްގެ ކޯޓު ކޭހުގެ އަޑުއެހުމުގައި ވާހަކަދައްކަމުން ހާޑް ބުނީ ޕްރޮޑަކްޝަނުން ވަނީ އޭނާގެ މަންޒަރުތަކެއް އުނިކޮށްފައި ކަމަށެވެ.
ބައެއް މަންޒަރުތައް ކުޅުމުގެ ކުރިން އާ ސްކްރިޕްޓެއް ވެސް ދީފައިވާ ކަމަށާއި އޭގައި ވެސް ހާޑްގެ މަންޒަރުތައް މަދު ކަމަށް އޭނާ ބުންޏެވެ. އުނިކޮށްފައި ވަނީ އެކްޝަން މަންޒަރުތަކެއް ކަމަށާއި ބައެއް ޑައިލޮގުތައް ވެސް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
މަންޒަރުތަކަށް ގެނައި ބަދަލުތަކާ އެކު ފިލްމުގެ ޕްލޮޓަށް އަންނާނެ ބަދަލުތަކެއް އަދި ނޭނގެ އެވެ. ނަމަވެސް ފިލްމު ނެރޭ ތާރީހަށް އަދި ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އާކުއާމޭންގެ ދެވަނަ ބައި "ލޯސްޓް ކިންގްޑަމް" ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މާޗު 17 ގަ އެވެ.