18 މެއި 2022 - 12:10

ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ފާހެއް ނުވި އެވެ.
ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަަތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.
ރިޔާޒް ވިދާޅުވީ އެ ގާނޫނަށް ހުށަހަޅައިގެން އަމަލު ކުރަމުން ގެންދާ އިސްލާހެއްގައިވާ ގޮތުން އެހެން ޕެންޝަން ސްކީމަކުން ލިބޭ ފައިސާގެ އަދަދު އަސާސީ ޕެންޝަން ސްކީމަކަށް ވުރެ ކުޑަ ނަމަ އަސާސީ ޕެންޝަނަށް ލިބެން ޖެހޭނީ އެ ޕެންޝަނުން ލިބޭ އަދަދުގެ 50 ޕަސަންޓު ކެނޑުމަށް ފަހުގައި ކަަމަށެވެ.
މިސާލަކަށް ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 3000ރ. ލިބޭ ނަމަ މިހާރު ލިބޭނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުން އެ 3000ރ. ކެނޑުމަށް ފަހު ބާކީ 2000ރ. އާއި ރިޓަޔަމަންޓުގެ ގޮތުގައި ލިބޭ 3000ރ. އާއެކު ޖުމުލަ 5000ރ. ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"މިއީ އިންސާފު ވެރި ގޮތެއް ނޫން. ސަބަބަކީ ރިޓަޔަމަންޓް ސްކީމާއި އުމުރުން ދުވަސްވުމުން ދޭ އިނާޔަތާ މުޅިން ތަފާތު ދެ ސްކީމަކަށްވެފައި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަން ޖެހޭނެ އުޒުރެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާ ވެފައިވާ ފަރާތްތަކާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ ފަރާތްތަކާ މާ ބޮޑު ތަފާތެއް ނޯންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެވެ. އަދި 19 މެމްބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.