18 މެއި 2022 - 16:50

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެެ މަނިކުފާނު މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އެ ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން އޮތީ ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފައި ކަމަށެވެ.
"މަޖިލިސް ހުއްޓުވާލައިފައި މި އޮންނަނީ ސަރުކާރުން ގަސްދުގައި ކުރާ ކަމެއްގެ ގޮތުގައި. ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އޭނާ ވިދާޅުވި އެވެ.
ކުރާނެ މަސައްކަތެއް ނެތިގެން މިދިޔަ ތިން ދުވަހު ވެސް މަޖިލީހުގެ ޖަލްސާ ވަނީ އަވަހަށް ނިންމާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ނިއުސް ކޮންފަރެންސްގައި އާދަމް ޝަރީފް ވިދާޅުވީ، އާންމުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް ހުރިއިރު، އެ މައްސަަލަތައް އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެ، ނަޝީދު މަސައްކަތްޕުޅު ކުރެއްވީ މަޖިލީހަކީ ޒިންމާދާރު، ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށް ހެއްދެވޭތޯ އެވެ. އެކަމަކު، ސަރުކާރުގެ އޭރުގެ ވެސް އަމާޒަކަށް ވީ ސަރުކާރާއި މަޖިލިސް އެއްކޮށްލައިގެން ވެރިކަން ކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެ ހިސާބުން ފަށައިގެން ތަފާތު ގޮންޖެހުންތަކެއް އައިސް މިއަދު ރައީސް ނަޝީދަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް ވެސް ދެވި، އެ ހުރިހާކަމެއްގެ ތެރެއިން މިއަދު މަޖިލީހުގެ ބާރު ވަނީ މުޅިން ކަނޑުވައިލައިފައި ނުވަތަ މަޖިލިސް ހިސޯރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވި ކުރަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ކޮމިޓީތަކުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭތޯ ނުވަތަ ނޫންތޯ އާންމުން އެނގެން ބޭނުންވާނެ ކަމަށާއި ޕާފޯމެންސް އޮޑިޓެއް ހަދަން ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ސަރުކާރުން މަޖިލިސް "ހައިޖެކް" ކޮށްފައި އޮތުމުން ނަޝީދުގެ މަސައްކަތްޕުޅުގައި ވެސް ވަނީ "މަރުތަޅު" އެޅުވިފަ އެވެ.