ކުރިމަތިލެވޭ ގޮތަށް އޮތް ނަމަ ޓްރަމްޕް ބަލިކުރީސް: އޮބާމާ
ކުރިމަތިލެވޭ ގޮތަށް އޮތް ނަމަ ޓްރަމްޕް ބަލިކުރީސް: އޮބާމާ

ވޮޝިންޓަން (ޑިސމްބަރު 27) - ވެރިކަމުގައި ހުންނަވައިގެން ގެންނެވި ހެޔޮ ބަދަލު އެމެރިކާގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ވެރިކަމަށް ކުރެމަތިލުމުގެ ޝަރުތު ހަމަވި ނަމަ މި އަހަރުގެ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކާމިޔާބު ހޯއްދެވީސް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ކުރިމަތިލެވޭ ގޮތަށް އޮތް ނަމަ ޓްރަމްޕް ބަލިކުރީސް: އޮބާމާ
ކުރިމަތިލެވޭ ގޮތަށް އޮތް ނަމަ ޓްރަމްޕް ބަލިކުރީސް: އޮބާމާ

"އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އޮތް ނަމަ މިފަހަރު ވެސް ކާމިޔާބު ކުރެވޭނެކަން ވަރަށް ބޮޑަށް ޔަގީން. ސަބަބަކީ އެމެރިކާގެ ގިނަ މީހުން މި ވަނީ އުއްމީދީ މަގަކަށް ގެނެވިފައި ކަމަށްވާތީ،" ސީއެންއެން އާއި ޔުނިވާސިޓީ އޮފް ޝިކާގޯ އިންސްޓިޓިއުޓް އޮފް ޕޮލިޓިކްސް ގުޅިގެން އުފައްދާ ޑިޖިޓަލް އޯޑިއޯއަކަށް ދެއްވި އިންޓަވިއުގައި އޮބާމާ ވިދާޅުވި އެވެ. "ގައުމުގެ އެކި ހިސާބުތަކުގައި މީހުންނާ ވާހަކަ ދައްކާލާ އިރު އަޅުގަނޑާ ދެބަސްވާ މީހުން ވެސް ގަބޫލް ކުރޭ އަޅުގަނޑުގެ ތަސައްވަރު ރަނގަޅު ކަމަށް."

އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެކަކަށް ވެރިކަން ކުރެވޭނީ ހަތަރު އަހަރުގެ ދެ ދައުރަށެވެ. އޮބާމާގެ ދެ ދައުރު ފުރިހަމަ ކުރައްވާ އަންނަ ޖެނުއަރީ މަހު 20 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ.

އޮބާމާގެ ކުރީގެ ސީނިއާ އެޑްވައިޒާ ޑޭވިޑް އެކްސެލްރޮޑް މެދުވެރި ކުރައްވާ ދެއްވި އިންޓަވިއުގައި ވަނީ އިންތިހާބުގައި ވޯޓުލެވޭ މުޅި އާބާދީގެ މަތިން ޑިމޮކްރެޓިކް ޕާޓީން ހަނދުމަ ނައްތާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޮބާމާ އިޝާރާތް ކުރައްވާފައި ވަނީ އިގްތިސާދީ ހެޔޮ ބަދަލުތަކުން އަސަރުކޮށްފައި ނުވާ މީހުންނަށެވެ. އަދި ހިލަރީ ކްލިންޓަނާ ބެހޭ ގޮތުން މީޑިއާ އިން ފެންމަތިކުރި ނެގެޓިވް ވާހަކަތަކަކީ ވެސް އިންތިހާބު ޑިމޮކްރެޓިކް ޕާޓީ އަށް ގެއްލުނު ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ 2.9 މިލިއަން ވޯޓު އިތުރަށް ހިލަރީ ކްލިންޓަން ހޯއްދެވި ނަމަވެސް އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވާ އިންތިހާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ.

ވެރިކަމުން ވަޑައިގަތުމަށް ފަހު ޑިމޮކްރެޓިކް ޕާޓީ އަށް ޒުވާން ލީޑަރުން ތަމްރީނު ކުރުމަށް އެހީވެ މުހިންމު ސިޔާސީ ބަހުސްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ޓްރަމްޕް ސަރުކާރުން ނުރަނގަޅު ކަމެއް ކޮށްފި ނަމަ އެމެރިކާގެ އާއްމު ފަރުދެއްގެ ހައިސިއްޔަތުން އަޑު އުފުއްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވެރިކަމުން ވަޑައިގަތުމަށް ފަހު އުޅުއްވާނީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި ކަމަށާއި ފުރަތަމަ ކޮޅު ހޭދަ ކުރާނީ ވެރިކަން ކުރި މުއްދަތު އަމިއްލަ އަށް އެނަލައިޒް ކުރުމަށް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ފޮތް ލިޔުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޮބާމާ ވިދާޅުވީ ހަގު ދަރިކަނބަލުން ހައި ސްކޫލް ނިމެންދެން ދިރިއުޅުއްވާނީ ވޮޝިންޓަނުގައި ކަމަށެވެ.