20 މެއި 2022 - 21:19

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވަން އިއުލާންކޮށް، ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.

ޖެނުއަރީ 2019 ގައި އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އެކަމަކު އެކްލަބް ސަސްޕެންޑް ކުރިއިރު، ނިއު އިން ދިޔައީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ އެކްސްކޯގެ އިތުބާރު ނެތްކަމަށް ހުށަހަޅަން މަސައްކަތް ކުރަމުންނެވެ. ނިއުގެ ސަޕޯޓަރުންނާއި އެކްލަބްގެ ކުރީގެ ހިންގުންތެރިން ތުހުމަތުކުރަނީ އެވަގުތު އެކްލަބް ސަސްޕެންޑް ކުރީ އެފްއޭއެމްއާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ. ނަމަވެސް އެތުހުމަތުތައް އެފްއޭއެމުން ދޮގު ކުރެ އެވެ.

ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ އޮތުމުން، ފީފާއިން ވެސް ވަނީ ނިއު އަށް ކުޅުންތެރިން ނުގަނެވޭގޮތަށް އެއަހަރު ފިޔަވަޅު އަޅައިފަ އެވެ. ސަސްޕެންޝަނުން އެޓީމު ނެގުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުޅުންތެރިންނަށް ދޭންޖެހިފައި ހުރި މުސާރަތައް އަދާކުރުމެވެ. ޖުލައި މަހު ބާއްވަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުރިން، ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބް ނިއުގެ ސަސްޕެންޝަނާއި ކުޅުންތެރިން ސޮއި ކުރުމުގެ އަދަބު ފިލުވާލެވިއްޖެނަމަ އެމުބާރާތުގައި އެކްލަބަށް ބައިވެރިވެވޭނެ އެވެ.
ނިއުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަތަރު މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އެކޮމިޓީގެ މެންބަރު އަހްމަދު ޔޫސުފް ބުނިގޮތުގައި ކްލަބްގެ ދަރަނި އަދާކުރުމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އޭނާ އަށް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނާ މިހަވާލުކުރީ އިންތިހާބުގެކަންކަން ކުރިއަށް ގެންދިއުމަށް. އެހެން ކަންކަމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް މިވަގުތަކު އަޅުގަނޑު އަަތަކު ނެތް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކްލަބްގެ ފޭސްބުކް ޕޭޖަށް، ކުރިމަތިލަން އެދޭ މީހާގެ މައުލާުމާތާއި ވަނަވަރު މެސެޖް ކުރުމަށް އެކްލަބުން އެދެ އެވެ.
ނިއުގެ ހަރަކާތްތައް އަލުން ފަށަން އިއުލާން ކުރީ، ދާދިފަހަކުން އެކްލަބްގެ ސަޕޯޓަރުންގެ ތެރެއިން އުފެދިގެން އައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ، ނިއު ރޭޑިއަންޓް ރަމްޒުކުރާ "ސްޕޯޓިން ސަކްސެސާ" އެއްކަމަށް އޭއެފްސީ އަންގާފައިވާކަަމަށް ބުނެ ފުޓްބޯޅައިގެ އެއް ވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ ކްލަބްގެ ހަރަކާތްތައް މަޑުޖައްސާލި ވަގުތު އެވެ. އޭރު ކުޅުންތެރިން ސޮއިކޮށް ކޯޗު ކަމަށް، ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސި ނަމަވެސް އެހާހިސާބުން ރޭޑިއަންޓްގެ ހަރަކާތައް މަޑުޖައްސާލައި އެކްލަބްގެ ވެރިން ވަނީ ޔޫތު މިނިސްޓްރީއާ މަޝްވަރާކޮށް ހައްލު ތަކެއް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.
ނިއު ރޭޑިއަންޓްގެ ޗެއާމަންކަން އެންމެ ފަހުން ކުރެއްވީ، އެޓީމުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި މަޝްހޫރުވި، މިހާރު ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާގެ އެކްސްކޯއިން އިސް ނަގައިގެން ކްލަބް ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ހަރަކާތެއް ވެސް ހިންގި އެވެ. މާޗް 2020 ގައި ފެށި ހަރަކާތް ހުއްޓާލަން ޖެހުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭން ފެށުމުންނެވެ.
އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ، އަނެއް ކްލަބަކީ ނިއުގެ ކުރީގެ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ،. އެކްލަބުން ވެސް ވަނީ، މިދިޔަ މަހު އިންތިހާބު ބާއްވައި ކްލަބް ކޮޅަށް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. އެކްލަބް ވެސް ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުންނެވެ. މިދިޔަ މަހު ފަހުކޮޅު ބޭއްވި އިންތިހާބުގައި އެކްލަބްގެ ރައީސްކަމަށް ވަޑައިގެންނެވީ، އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގ. ކަކާގޭ ހުސައިން އާދަމް އެވެ.
އޭނާގެ އެކްސްކޯއިން މިހާރު ވަނީ ކްލަބް ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިފަ އެވެ. އަދި ޖޫންގެ ކުރިން ދަރަނި އަދާކުރާނެކަމަށް އެކްލަބުން ބުނެ އެވެ.
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަނުން އަރައި ގަނެވޭނީ، ދަރަނި އަދާކުރުމުގެ އިތުރަށް، އެފްއޭއެމްގެ ކޮންގްރެސްގައި ސަސްޕެންޝަން އުވާލުމަށް ފާސް ކުރުމުންނެވެ.