21 މެއި 2022 - 14:29

އެންމެ ރަނގަޅު ހޭދަޔަކީ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަށާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ފައިދާ މުޅި ގައުމަށް ވެސް ކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެޝަނަލްސް (މާޕް) އިން ބާއްވާ އެޗްއާރް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ އެންމެންނަށް، ކޮވިޑުގައި ދިމާވި ހާލަތަށް ރިއާޔަތްކޮށް އެކަމުން އިބްރަތް ހާސިލްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެންމެ ރަނގަޅު ހޭދަޔަކީ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަށެވެ.
"ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، މަސައްކަތުގެ މައިދާނުގައި އެކަކު އަނެކަކަށް މަގުދައްކައިދީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުގެ ފައިދާ އެ ތަނެއްގެ އިތުރުން މުޅިގައުމަށް ވެސް ކުރާނެ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޮމޭޝަން އެންޑް ކަލްޗާ ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.
ރާއްޖޭގެ ބައެއް ސްޕީކަރުންނާ އެކު ސިންގަޕޯ، އިނގިރޭސިވިލާތް، ޓްރިނިޑަޑް އެންޑް ޓޮބަގޯ، އިންޑިޔާ އަދި ސްރީ ލަންކާގެ މަޝްހޫރު ސްޕީކަރުން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ. އެ މީހުން ވާހަކަދައްކާ މައުލޫއުތަކުގެ ތެރޭގައި "ލީޑަޝިޕް އެންޑް ގްރޯތު، ވެލްނެސް އެންޑް ލާނިން ކަލްޗާ، ޓެކް އެންޑް ޓްރާންސްފޮމޭޝަން، ކްރިއޭޓިން އޮގަނައިޒޭޝަނަލް ލާނިން އެޖިލަޓީ" ހިމެނެ އެވެ.
ކޮންވެންޝަން ތެރެއިން ބާއްވާ އެކްސްޕޯގައި ތަފާތު އެޗްއާރްއާ ގުޅޭ ހައްލުތައް ދައްކާލުމުގެ ފުރުސަތު މާޕްއިން ވަނީ ފަހިކޮށްދީފަ އެވެ.
ގާތްގަނޑަކަށް 400 މީހުން ބައިވެރިވާ މި ކޮންފަރެންސް ކުރިއަށްދަނީ ގައުމީ ޔުނިވާސިޓީގެ މެއިން އޮޑިޓޯރިއަމްގަ އެވެ.
ކޮވިޑާ ގުޅިގެން ތިން ފަހަރެއްގެ މަތިން ކޮންފަރެންސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ފަހުން ބޭއްވޭ ގޮތް ވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މާޕް އިން ބުންޏެވެ. މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާ އެވެ.