22 މެއި 2022 - 22:06

މެންޗެސްޓާ (މެއި 22) - ފަހު މެޗުގައި އެސްޓަން ވިލާގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން މޮޅުވެ، މެންޗެސްޓާ ސިޓީން އަށް ވަނަ ފަހަރަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ޕްރިމިއަ ލީގުގެ ނަމުގައި، އިނގިރޭސި ލީގު ބާއްވަން ފެށި ފަހުން ސިޓީން ލީގު ކާމިޔާބު ކުރި ހަ ވަނަ ފަހރެވެ. ޕްރިމިއަ ލީގު 1990 ގައި ލޯންޗުކުރުމުގެ ކުރިން ސިޓީން ވަނީ ދެ ފަހަރަށް ލީގު ކާމިޔާބު ކޮށްފަ އެވެ.
މިއީ ސިޓީން ވިދިވިދިގެން ލީގު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ގާޑިއޯލާގެ ކޯޗު ކަމުގައި ސިޓީން ޕްރިމިއަ ލީގު ކާޟިޔާބު ހަތަރު ވަނަ ފަހަރެވެ.
މެޗުގެ ބޮޑު ބަޔަކާ ހަމައަށް ދިޔައިރު ވެސް ލީޑް ގައި އޮތީ ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ އެވެ. އެޓީމު ފުރަތަމަ ލަނޑު މަޓީ ކާޝް ޖެހީ މެޗުގެ 37 ވަަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ފިލިޕީ ކުޓީނިއޯ އެވެ. އޭނާ ލަނޑު ޖެހީ 69 ވަނަ މިނެޓްގަ އެވެ.
ސިޓީން މެޗުގެ ނަތީޖާ އަނބުރާލީ އެންމެ ފަހު 15 މިނެޓްގަ އެވެ. ސީޓީގެ ފުރަތަމަ ލަނޑު ޖަހައި އެޓީމުގެ އުންމީދު އާކޮށްދިނީ 76 ވަނަ މިނެޓްގައި އިލްކޭ ގުންޑޮގާން ޖެހި ލަނޑުންނެވެ. އޭގެ 12 މިނެޓް ފަހުން ރޮޑްރީ ހެނާންޑޭޒް ވަނީ ސިޓީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިފަ އެވެ. ސިޓީ އަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ ވެސް ގުންޑޮގާން އެވެ.
ލީގުގެ އެންމެ ފަހު މެޗުތަކާ ކުރިމަތިލިރު ތައްޓަށް އިންތިޒާރު ކުރި އަނެއް ޓީމަކީ ލިވަޕޫލެވެ. ވާދަވެރިކޮށް ނިމިގެން ދިޔަ ލީގުގައި ލިވަޕޫލް ދެވަނައިގައި ނިންމާލީ ސިޓީ އާ އެއް ޕޮއިންޓް ފަހަތުންނެވެ.
ވޯލްވާ ހެމްޓަން ވޮންޑާސް (ވްލްވްސް) އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ވެސް އެޓީމު ވެސް މޮޅުވީ ފަހަތުން އަރައެވެ. މެޗު ފެށިގެން ތިންވަނަ މިނެޓްގައި ޕެޑްރޯ ނެޓޯ ވަނީ ވްލުވްސް އަށް ލީޑް ނަގައިދީފަ އެވެ. އެކަމަކު ފަހަހތުން އަރައި 3-1 ން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ސެޑިއޯ މާނޭ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެޓީމު ވެސް މެޗުން މޮޅުވީ ފަހަވަގުތު ޖެހި ލަނޑުތަކުންނެވެ. ދެވަނަ ލަނޑު އެޓީމަށް ލީޑް ނަގައިދިން ލަނޑު މުހައްމަދު ސަލާހް ކާމިޔާބު ކުރީ 84 ވަނަ މިނެޓްގަ އެވެ. މެޗު ނިމެން ވަގުތު ކައިރިވެފަިއި ވަނިކޮށް ރޮބަޓްސަން ވަނީ ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ސިޓީ އަށް މިހާހިސާބުން ސީޒަން ނިމުނު ނަމަވެސް، ލިވަޕޫލަށް އަދި ޔޫއެފާ ޗެމްޕިއަންސް ލީގެގެ ފައިނަލް މެޗު އެބައޮތެވެ. ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު މިއަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނީ ޕެރިހުގަ އެވެ.