ރޮޑްރިގޭޒް ޖެނުއަރީ މަހު ކްލަބް ބަދަލުނުކުރާނެ: އޭޖެންޓް
ރޮޑްރިގޭޒް ޖެނުއަރީ މަހު ކްލަބް ބަދަލުނުކުރާނެ: އޭޖެންޓް

މެޑްރިޑް (ޑިސެމްބަރު 27) – ރެއާލް މެޑްރިޑުގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް ޖެނުއަރީ މަހު ކްލަބް ދޫކޮށްނުލާނެ ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑެސް ބުނެފި އެވެ.

ރޮޑްރިގޭޒް ދާދި ފަހުން ބުނީ ވަރަށް ގިނަ ކްލަބްތަކުގެ އޮފާ ލިބިފައިވާ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ ރެއާލުގައި މަޑުކުރަން ބޭނުންވިޔަސް ފުރުސަތު ނުލިބޭތީ މަޑުކުރެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.

ރޮޑްރިގޭޒް މިމޭރުމުން ވާހަކަދެއްކުމުން ކްލަބުގެ ސީނިއާ އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެހެންވެ ޖޫން ޓްރާންސްފާގައި އޭނާ ވިއްކާލުމުގެ ބަދަލުގައި ޖެނުއަރީ ޓްރާންސްފާގައި ވިއްކާލަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކަމަކު މެންޑެސް ބުނީ ޖެނުއަރީ މަހު އޭނާ ކްލަބް ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ބެލެވޭ ގޮތުގައި މެންޑެސް މިގޮތަށް ބުނީ ޖޫން މަހު ޓްރާންސްފާގައި ރަނގަޅު އަގަކަށް އޭނާ ވިއްކާލަން ބޭނުންވާތީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ގެންދަން ޕްރިމިއާ ލީގުގެ ޗެލްސީ އާއި ފްރާންސުގެ ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ.