28 މެއި 2022 - 00:06

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފެއްޓެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޭސްތިރިކަމުގެ ދަށުން ކަމަށް، ނިއުގެ ޗެއާމަންކަމަށް މިރޭ އިންތިހާބުވި، އަހްމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އިންތިހާބަށް ފަހު ވާސިފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެސެޖެއް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަށް ރައްދުކޮށް ދެއްވުމަށް އެމަނިކުފާނު ދެންނެވި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސްުލްޖުމްހޫރިއްޔާގެ ނައިބު [ފައިސަލް ނަސީމް] އަދި ދިވެހި ސަރުކާރު ތިއްބެވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ފަހަތުގައިކަން،" ނިއުގެ ބޯޑު މެންބަރުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަށް އެމެސެޖް ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވިކަން ފާހަގަ ކުރައްވައި ވާސިފް ވިދާޅުވި އެވެ.
"... ސީދާ ރައީސުލްޖުމްހޫރިއްޔާގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން މިއަދު ވަނީ ނިއު ރޭޑިއަންޓް އަލުން އަނބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވާފަ. ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށުން މިކަން ކުރިއަށްދާކަން ތިހުރިހާ ސަޕޯޓަރުންނަށް ދަންނަވާލަން. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް މިކަމުގައި."
އިންތިހާބަށް ފަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ވާސިފް ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު ސަމީރުގެ އިރުޝާދާ އެކު ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ބޯޑަށް ވެސް އެ މައުލޫމާތުތައް ހިއްސާކުރައްވަމުންދާ ކަމަށް ވާސިފް ވިދާޅުވި އެވެ.
"ރައީސް ސީދާ [އެފްއޭއެމްގެ ރައީސް] ބައްސާމް [އަދީލް ޖަލީލް] އަށް ގުޅުއްވާ، މިނިސްޓަރު މަހްލޫފް އަށް ގުޅުއްވާ އަވަސްކޮށް ދެއްވުމަށް ދަންނަވާފައި ވަނީ،" ވާސިފް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އާދިއްތަ ދުވަހު މިނިސްޓަރު ސަމީރު އާއި ބައްސާމްގެ ބައްދަލުވުމެއް އޮންނާނެ. އެބައްދަލުވުމުގައި ނިއު ރޭޑިއަންޓްގެ ވަރަށް ގިނަ ތަފްސީލިތަކެއް ލިބިގެންދާނެ. ރައީސް ވިދާޅުވެފައި ވަނީ އެކަމަށް ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް."
އޭނާ ވިދާޅުވީ ނިއު ރޭޑިއަންޓަކީ ބޮޑު ކްލަބެއް ކަމަށާއި އެތައް ބައިވަރު ސަޕޯޓަރުންނެއް ކްލަބްގެ ފަހަތުގައި އޮތް ޓީމެއް ކަމަށެވެ. ސަރުކާރާއި ރައީސް އެކްލަބްގެ ފަހަތުގައި ހުންނެވުމުން ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ އަދަދުތައް ދެނެގަތުމަށް އެފްއޭއެމް އާއެކު ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް ވާސިފް ވިދާޅުވި އެވެ.