ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް
ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް

ބޮލީވުޑް ފިލްމުތައް ބަލާއިރު އެ ފެންނަ ބިރުވެރި ސްޓަންޓްތަކަކީ ހަގީގަތުގައި އެ ފިލްމުގައި އުޅޭ ބަތަލާ އަކު ހަދާ ސްޓަންޓްތަކެއް ނޫނެވެ. ފުރާނައަށް ނުރައްކާވާ ފަދަ ސްޓަންޓެއް ހަދާ ނަމަ އެ ސްޓަންޓެއް ހަދަނީ އެކަމަށް ޚާއްސަ އަންހެނުންނެވެ. ގީތާ ޓަންޑަން އަކީ ވެސް މިފަދަ ސްޓަންޓްވުމަން އެވެ.

ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް
ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް

ވަރަށް ގިނަ ހިންދީ ފިލްމުތަކުގައި ވަރަށް ގިނަ ބަތަލާއިން ތަކަކަށް ގީތާ ސްޓަންޓް ހަދާދީފައިވެ އެވެ. ނުވަތަ ފިލްމީ ތަރިންގެ ފުރާނައަށް ނުރައްކާވާ ކަހަލަ މަންޒަރުތައް ގީތާގެ ފުރާނައަށްވާ ނުރައްކަލަށް ނުބަލައި ހަދަ އެވެ. އަދި މިފަދަ މީހުންނަކީ ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާ މީހުންނަށް ވާތީ މި މީހުންނަކީ އެއްވެސް ބަޔަކު ދަންނަ މީހުންނަކަށް ވެސް ނުވެ އެވެ.

ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް
ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް

ގީތާ ވަނީ އަލަށް ރިލީޒްކުރަން ތައްޔާރުވެފައިވާ "އުޅްތާ ޕަންޖާބް" ގައި އާލިއާ ބަޓް އާއި ކަރީނާ ކަޕޫރުގެ ބޮޑީ ޑަބަލްގެ ގޮތުގައި ނުރައްކާތެރި ސްޓަންޓްތަކެއް ހަދާފަ އެވެ.

ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް
ސްޓަންޓްތައް ހަދާ ގީތާ ޓަންޑަން އަކީ މިސާލެއް

އަދި "ސިންގަމް" ގައި ކަރީނާގެ ބޮޑީ ޑަބަލްގެ ގޮތުގަ އާއި "ޗެންނައި އެކްސްޕްރެސް"ގައި ދީޕިކާ ޕަދުކޯންގެ ބޮޑީޑަބަލްގެ ގޮތުގައި ގީތާ ސްޓަންޓް ހަދާދީފައި ވެއެވެ.

އަދި "އޭކް ތީ ޑާޔަން" ގައި ކޮންކޮނާ ސެން ޝަރުމާގެ ބޮޑީ ޑަބަލް އާއި ރިއަލިޓީ ޝޯއެއް ކަމަށްވާ "އިންޑިއާޒް ގޮޓް ޓެލެންޓް"ގައި އެ ޝޯގެ އެއް ޖަޖް ކަމަށްވާ މަލައިކާ އަރޯރާ ޚާންގެ ބޮޑީ ޑަބަލްގެ ގޮތުގައި ވެސް ނުރައްކާތެރި ސްޓަންޓްތަކެއް ގީތާ ހަދައިދީފައިވެ އެވެ.

މިހާރު ގީތާ ބޭނުންވަނީ އިންޑިޔާގެ ފުރަތަމަ އަންހެން އެކްޝަން ޑައިރެކްޓަރަށް ވާށެވެ.
ގީތާ އަކީ ހަޔާތުގައި ދިމާވި ގިނަ ގުނަ މުސީބާތުން އަރައިގަނެ އެކަނިމާއެކަނި ދެ ދަރިން ގެންގުޅެ ބޮޑުކުރަމުންދާ ހިތްވަރުގަދަ އަންހެނެވެ. ގީތާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކަކީ މިފަދަ ގިނަ އަންހެނުންނަށް ވަރަށް ހިތްވަރު ލިބޭނެ ރަނގަޅު މިސާލެކެވެ.

ގީތާއަކީ ވަރަށް ފަގީރު ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާގެ އުމުރުން އެންމެ 10 އަހަރުގައި މަންމަ މަރުވި އެވެ. އެއްބަނޑު އެއްބަފާ ހަތަރު ކުދިން ގީތާގެ ތިއްބެވެ. މަންމަގެ މަރާ އެކު ބައްޕަގެ ހިތްދަތިކަން އިންތިހާއަށް ދިޔަ އެވެ. ކުޑަކުދިންތަކެއް އެކަނި ބެލޭނެ ގޮތް ނެތިގެންނެވެ.

ގީތާގެ ބައްޕަ ގަސްތުކުރީ ދޮށްޓަށް ތިބި އަންހެންކުދިން އަވަހަށް ކައިވެނި ކުރުވާ އެކުދިންގެ ކިބައިން ސަލާމަތްވުމަށެވެ. އެންމެ ދޮށީ ގީތާ އެވެ. އޭނާއަށް އޭރު އެންމެ 15 އަހަރެވެ.

ގީތާ އޭނާ ކައިވެނިކުރާނެ މީހަކު ހޯދި އެވެ. ގެދޮރު ހުރި އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއްގެ ދަރިއެކެވެ. ގީތާ ހީކުރީ ކައިވެނި ކުރުމުން އަމިއްލަ ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އޭނާއަށް ކުރިމަތިލާން ޖެހުނީ ރާބޮއިގެން އަބަދު މަސްތުވެފައި ހުންނަ ފިރިހެނަކާ އެވެ.

ކައިވެނީގެ ފުރަތަމަ ރޭ ގީތާ ބިރުން ފިރިމީހާ ކައިރިވިޔަކަ ނުދިނެވެ. އަނެއް ދުވަހު ހެނދުނު ގީތާގެ މައިދައިތައަށް އެކަން އެނގި ހެދުން ވީދާލައި ގީތާ ރޭޕްކުރުމަށް ފިރިމީހާއަށް އެންގި އެވެ. އެކަން އެގޮތަށް ހިނގި އެވެ. ދެން ފާއިތުވީ ކޮންމެ ދުވަހަކު ގީތާއަށް އަނިޔާތައް ލިބެމުން ދިޔަ ދުވަސްތަކެވެ. ރަލުގެ މަސްތުގައި ފިރިހެންމީހާ ގީތާއަށް ހަމަ ކޮންމެ ދުވަހަކުހެން އަނިޔާކުރެ އެވެ.

އަނިޔާއަށް ކެތްނުވެގެން ގީތާ އެއްރޭ ފިލައިގެން ޕޮލިސް ސްޓޭޝަނަށް ވެސް ދިޔަ އެވެ. ނަމަވެސް އެމީހުން އަޅައެއް ނުލި އެވެ. ބުނީ ކޮންމެވެސް ކޮއްކޮއެއްގެ ގޭގައި 10 ވަރަކަށް ދުވަހު މަޑުކޮށްލާފައި ފިރިމީހާ ރުޅިގަނޑު މައިތިރިވީމާ ދިއުމަށެވެ.

ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ ގީތާ ބަލިވެ އިނެވެ. ގީތާ ހީކުރީ ކުއްޖަކު ލިބުމުން ފިރިމީހާ އިސްލާހު ވާނެ ކަމަށެވެ. ނަމަވެސް ބަނޑުބޮޑުއިރު ވެސް އަނިޔާތައް ލިބެމުން ދިޔަ އެވެ. ގީތާއަށް ދެ ދަރިން ލިބުނީ ވެސް ހަމަ އެ އަނިޔާތައް ތަހައްމަލު ކުރަމުން ދަނިކޮށެވެ.

އެއްދުވަހަކު އެގޮތަށް ގީތާގެ ފިރިމީހާ އަނިޔާކުރަމުން ގޮސް ފާރުގައި ހައެއްކަ ފަހަރު ބޯ ޖެއްސުމުން ޚަބަރު ހުސްވާ ގޮތް ވި އެވެ. އަނިޔާވެރި ދިރިއުޅުމާ ދުރަށްދާން ގީތާ އަޒުމު ކަނޑައެޅީ އެވަގުތު އެވެ. ގީތާ ދެ ދަރިން ގޮވައިގެން ރޭގަނޑުގެ ކަނު އަނދިރީގައި ގެއިން ނުކުމެގެން ދިޔަ އެވެ. އޭނާގެ ފިރިމީހާ ބޮޑު ކަނޑިއެއް ހިފައިގެން އެމީހުން އަތުލަން ފަހަތުން ދުވެފައި ދިޔަ ނަމަވެސް ގީތާ ސަލާމަތްވި އެވެ.

ކުދިން ގޮވައިގެން ގޮސް އެންމެ ފުރަތަމަ ހުރީ ކޮއްކޮއެއް ކައިރީގަ އެވެ. އެކަމަކު ކޮއްކޮގެ މައިދައިތަ ގީތާ އެ ގެއިން ނެރެން އެންގީ އެވެ.

އެގެއިން ނުކުންނަން ޖެހުމުން ކުދިން ގޮވައިގެން ގީތާ ދެން ދިޔައީ ފައްޅިއަކަށެވެ. އެތަނުގެ ބޭރުގައި ވެސް ދެތިން ދުވަސް ހޭދަކުރި އެވެ. އެ ފައްޅިއަށް އަންނަ މީހުން ހަދިޔާކުރާ ކާއެއްޗެތި ކުދިންނަށް ކާންދީގެންނެވެ. ނަމަވެސް އެގޮތުން ލިބޭ ކާއެތިކޮޅަކީ ކުދިން ބަނޑުފުރާނަ މުއްތި ކުރެވޭ އެއްޗަކަށް ނުވާތީ ބަނޑުހައިވެގެން ކުދިން ރޮއި ބޮޑާ ދައްކަން ފެށި އެވެ.

ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރަން ގީތާ އަޒުމް ކަނޑައެޅީ ކުދިންގެ ރުއިމުގެ އަޑު އިވިއިވި އެވެ.

ދެ ކުދިން ގޮވައިގެން ގީތާ އެކި ތަންތަނުގައި ގަނަ ތެޅެމުން ދިޔަ އެވެ. ބައެއް މީހުން އޭނާގެ އެކަނިވެރިކަމުގެ ފައިދާ ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް ގީތާ އެއިން އެއްވެސް މީހެއްގެ ދަލުގައި ނުޖެހި ކުދިން ގޮވައިގެން ދިރިއުޅުނެވެ. އެގޮތުން އޭނާ ޚިޔާލުކުރީ ގޭގެޔަށް ކައްކައިދީގެން ފައިސާ ހޯދުމަށެވެ.

ގީތާ އަލުން އޭނާގެ ކޮއްކޮގެ ގެއަށް ދިޔަ އެވެ. އެ ގެ ކައިރިން އޭނާއަށް އެއްލި ކަޅިއަކުން އިޝްތިހާރެއް ފެނުނެވެ. ހޮޓަލެއްގައި މަސައްކަތްކުރާނެ މީހުން ހޯދަން ކޮށްފައިވާ އިޝްތިހާރެކެވެ. އޭނާ ވަގުތުން އަޖުމަ ބަލާލަން އެތަނަށް ދިޔަ އެވެ. އެތަނުގައި ކުރަން ޖެހެނީ ކޮން ކަމެއްތޯ ސުވާލުކުރުމުން ރޮށި ފިހުން ކަމަށް ބުންޏެވެ. ދުވާލަކު 400 ނުވަތަ 500 ވަރަކަށް ރޮށި ފިހަން ޖެހުނެވެ. ނަމަވެސް ކުޑަ ފައިސާކޮޅެއް ވެސް ގީތާއަށް އެއީ ވަރަށް ބޮޑު އެއްޗަކަށްވި އެވެ. ސަބަބަކީ ދަރިންނަށާއި އޭނާއަށް ކާނެ ސާމާނު އެތަނުން ހިލޭ ލިބިފައި މުސާރަ ވެސް ލިބޭތީ އެވެ.

ގީތާ ވަގުތުން ކުޑަކުޑަ ޖިފުޓިގަނޑެއް ކުއްޔަށް ހިފައި ދަރިން ގޮވައިގެން އެތަނުގައި ދިރިއުޅެން ފެށި އެވެ. އެ ދުވަސްވަރު ގީތާއަށް ތިން އަންހެންކުދިންނާ ބައްދަލުވި އެވެ. ވަރަށް ތައްޔާރުވެގެން މޭކަޕްކޮށްގެން ކޮންމެވެސް ތަނަކަށް ދާ ކުދިން ތަކެކެވެ. އެކުދިން ބުނި ގޮތުގައި އެއީ މަސާޖް ކޮށްދޭ ކުދިންނެވެ. ގީތާއަކަށް މަސާޖުކުރުމަކީ ހަށިވިއްކުމަށް ވެސް ކިޔާ ނަމެއް ކަމެއް އޭރަކު ނޭނގެ އެވެ. އެހެންވެ އެކުދިން ވަރަށް ގިނަ ފައިސާ ލިބޭ ވާހަކަ ބުނުމުން އެކުދިންނާ އެކު އެކުދިން މަސައްކަތްކުރާ ތަނަށް ދިޔަ އެވެ. ނަމަވެސް އެތަނުން ގީތާ އަށް ފެނުނީ އަންހެންކުދިން ހަށި ވިއްކާ މަންޒަރެވެ. ގީތާ އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވި އެވެ.

ގީތާ ރޮށި ފިހާ މަސައްކަތުގައި އުޅެނިކޮށް އޭނާއަށް ދިމާވި އަންހެނެއްގެ ފަރާތުން ފިލްމު ޝޫޓިންގައި މަސައްކަތް ކުރާނެ ފުރުސަތު އޮތް ކަމަށް ބުންޏެވެ. ފިލްމުގައި އެކްސްޓްރާގެ ގޮތުގައި މަސައްކަތްކުރާ ގްރޫޕަކުން ގީތާއަށް ޖާގަ ލިބުނީ އެވެ.

ގީތާ ބުނި ގޮތުގައި ޝޫޓިންގައި އުޅުނު ތަނުން އޭނާއަށް އެކުވެރިއަކު ދިމާވެގެން ސްޓަންޓްސް ހަދަން ކެރޭނެތޯ އެހި އެވެ. ފައިސާ ލިބެންޏާ ކެރޭނެ ކަމަށް ގީތާ ބުންޏެވެ.

ގީތާއަށް ފުރަތަމަ ވެސް ހަދަން ޖެހުނީ މުޅި ގައިގައި އަލިފާން ރޯކޮށްލައިގެން ތަނަކުން ފުންމާލާ ސްޓަންޓެކެވެ. ފައިސާ ލިބޭނެތީ ގީތާ އޭނާގެ ފުރާނައަށް ވެސް ބެލުމެއް ނެތި އެ ސްޓަންޓް ހަދަން ތައްޔާރުވި އެވެ. ސްޓަންޓް ހެދުމުގެ ތެރޭގައި ގީތާގެ ގައިގައި ރޯވެ އެކި ތަންތަން ފިހުނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީ ގީތާ ފަސޭހަވި އެވެ. ކިތަންމެ އަނިޔާއެއް ލިބުނަސް މި މަސައްކަތުން ވަރަށް ގިނަ ފައިސާ ލިބޭތީ އެ މަސައްކަތުގައި ދެމި ހުންނަން ގީތާ ނިންމި އެވެ. އޭގެ ފަހުން ގީތާއަށް ސްޓަންޓް ހަދަން ލިބެން ފެށި އެވެ. އަދި އޭނާގެ މާލީ ހާލަތު ރަނގަޅުވެ ކުދިން ވެސް ރަނގަޅު ސްކޫލްތަކަށް ވައްދައިގެން ކިޔަވައިދޭން ފެށި އެވެ. އަދި މިހާރު ގީތާ ވަނީ ރަނގަޅު ފެންވަރެއްގެ އެޕާޓްމަންޓެއް ގަނެ އެތަނުގައި ދަރިންނާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން ފަށާފަ އެވެ.

ގީތާ އެންމެ އުފާވާ ކަމަކީ އޭނާގެ ދެ ދަރިން އޭނާގެ ގުރުބާނީގެ އަގު ވަޒަންކުރާތީ އެވެ. ގީތާގެ ތިބީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދޮށީ އަންހެން ދަރިފުޅު ހަރްޝާ އަށް 16 އަހަރެވެ. ހަގީ 14 އަހަރުގެ ޕްރަތާޕް އެވެ.

ގީތާގެ ދަރިން ބުނާ ގޮތުގައި އޭނާގެ މަންމަ އެކިއެކި ޝޯތަކުގައި ސްޓަންޓް ހަދާތަން ފެނުމުން މަންމަގެ ހިތްވަރުގަދަކަމާއި ކެރޭކަން ހިތަށް އަރާފައި ވަރަށް އުފާވެ އެވެ.

ގީތާގެ ހިތްވަރުގަދަ ކަމުގެ މިސާލު ދެނީ ހަމައެކަނި އޭނާގެ ދަރިންނެއް ނޫނެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކުވެސް ގީތާއަށް ވަރަށް ތައުރީފު ކުރެ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާގެ ފުރާނައަށް ނުރައްކާ ކުރާނެ ހިތްވަރު ހުންނާނީ ވަރަށް މަދު މީހެއްގެ އެވެ.