30 މެއި 2022 - 14:28

ސީއެޗްއެސްއީގެ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވްވެ، އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން އެ ބައްޔަށް ޓެސްޓު ކުރަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ސްކޫލުން ޓީބީގެ ކޭހެއް ފެނި ގްރޭޑު 12ގެ ހުރިހާ ދަރިވަރުން އެ ބައްޔަށް އަންނަނީ ޓެސްޓު ކުރަމުންނެވެ. އަދި ހުރިހާ ޓީޗަރުންނަށް ވެސް ބައްޔަށް ޓެސްޓު ކުރަން ވަނީ އަންގައިފަ އެވެ
"ޓީޗަރުންނަށް ވެސް އަންގާފައި ވަނީ ޓެސްޓު ކުރަން. އެކަމަކު ކުރަން ބޭނުން ނުވާ ޓީޗަރުންނަށް އެ ޗޮއިސް ވެސް ވަނީ ދީފައި،" އެކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
މި ކޭހާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ނޭނގެ އެވެ. ސްކޫލުން ރަސްމީކޮށް އެ ވާހަކަ ނުދައްކައި، އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އިން މައުލޫމާތު ހޯދުމަށެވެ. އެކަމަކު އެޑިއުކޭޝަނުން ވެސް އެކަމަށް ޖަވާބެއް ނުދެ އެވެ. ރާއްޖޭގައި އުސޫލު އޮންނަ ގޮތުން އެޗްޕީއޭ އިން ވެސް ޓީބީގެ ވަކިވަކި ކޭސްތަކާ ބެހޭ މައުލޫމާތެއް ނުދެ އެވެ.
ރާއްޖެއިން ޓީބީ ނައްލާތުމުގެ ގައުމީ ކެމްޕެއިނަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެ އަށް، އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 އަށް ވުރެ ގިނަ ބޭސް ގުޅަ މި މަހުގެ 20 ވަނަ ދުވަހު ވަނީ ހަދިޔާ ކޮށްފަ އެވެ.
ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. އެކަމަކު ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެ އިން 2025 އާ ހަމައަށް ޓީބީ ނައްތާލުމަށެވެ.
ޓީބީ އަކީ ސަލާމަތްތެރިވެ، އެއިން ރަނގަޅުވެވޭ ބައްޔަކަށް ވިޔަސް، ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރި އަދި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ. ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުން ކަމަށްވާއިރު، ބޭސްފަރުވާއިން ރަނގަޅު ކުރެވޭ މީހުން ވެސް އެންމެ ގިނައީ މި ސަރަހައްދުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.