03 ޖޫން 2022 - 10:35

ށ. ފޭދޫގައި އަނބިމީހާގެ ބަނޑަށް ވަޅި ހެރި ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން އަނބިމީހާވއަށް ހަމަލާދިން މައްސަލައެއް ރޭ 9:20 ހާއިރު ހުށަހެޅި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޒުވާބެއްގެ ތެރެއިން ހަމަލާދީފައިވަނީ 32 އަހަރުގެ އަންހެން މީހާގެ ބަނޑަށެވެ. އޭނާއަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި 37 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސިއްހީ މަރުކަޒާ ހަވާލައިދީ ރަށު ކައުންސިލުން ބުނީ އަންހެން މީހާގެ ބަނޑަށް އެހާ ފުންކޮށް ވަޅި ހެރިފައި ނެތް ކަމަށެވެ.
ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަ ދުވަސްވީ އެ ކައިވެންޏަށް ކުދިން ވެސް އެބަތިއްބެވެ.