ސަލްމާން ހާން މަރާލަން ބަޑި ހިފައިގެން ގޭދޮށުގައި ތިބި
ސަލްމާން ހާން މަރާލަން ބަޑި ހިފައިގެން ގޭދޮށުގައި ތިބި

ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ހާންގެ ގަޔަށް ބަޑި ޖަހައި މަރާލަން، އިންޑިއާގެ ނުރައްކާ ލޯރެންސް ބިޝްނޯއީގެ ގޭންގުން ސަލްމާންގެ ގޭ ދޮށަށް ގޮސް ފާރަލި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބިޝްނޯއީ ގޭންގްގެ އަޑު އަނެއްކާ ވެސް ގަދަވެފައި ވަނީ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސީދޫ މޫސްވާލާ މަރާލި ފަހުންނެވެ. އޭނާގެ ވިލެޖަށް އެކުވެރިންތަކަކާ އެކު ދަނިކޮށް ބަޑި ޖަހައި މަރާލީ ދުރާލާ ރާވައިގެންނެވެ.

އެއާ އެކު ސަލްމާނަށް ވެސް ނުރައްކާ އޮތް ކަމުގެ އަޑުތައް ގަދަވި އެވެ. ލޯރެންސް ބިޝްނޯއީ އަކީ 2018 ވަަނަ އަހަރު ވީޑިއޯއެއް އާންމުކޮށް ސަލްމާނަށް މަރުގެ އިންޒާރު ވެސް ދިން މީހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސީދޫގެ މަރުގެ މައްސަލަ ތަހުގީގުކުރަމުންދަނިކޮށް ފުލުހުންނަށް އެނގިފައިވާ ގޮތުގައި ސަލްމާން މަރާލަން މީގެ ކުރިން އެ މީހުން ސަލްމާންގެ ގޭދޮށުގައި ފާރަލި އެވެ.

ހޮކީ ކުޅެން ގެންގުޅޭ ބެޓް މޮޑިފައިކޮށްގެން އޭގައި ހަތިޔާރު ފޮރުވައިގެން ޝާޕް ޝޫޓަރުން އެގޭ ދޮށުގައި ތިބި ކަމަށްވެ އެވެ. އެކަމަކު އެންމެ ފަހު ވަގުތު ޕްލޭން ބަދަލުކުރަން ޖެހުނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުން މަސައްކަތްކުރީ އާންމުކޮށް ހެނދުނު ވަގުތު ސަލްމާން ބައިސްކަލް ދުއްވަންދާއިރު އޭނާއާ އެކު ބޮޑީގާޑުން ނުތިބޭތީ އެވަގުތު ހަމަލާދޭށެވެ. އެކަމަކު ކަން ދިމާކުރި ގޮތުން ހަމަލާދޭން އުޅުނު ދުވަހަކީ ޕަބްލިކް އިވެންޓެއްގައި ބައިވެރިވާން ހެނދުނު ސަލްމާން އޭނާގެ ގެއިން ނިކުތް ދުވަހެކެވެ. އެ ވަގުތު ގޭޓް ކައިރީ ފުލުހުން ވެސް ތިބުމުން ހަމަލާ ނުދިނީ އެވެ.

އެ މައްސަލަ ހާމަވި އިރު މީގެ ދެތިން ދުވަސް ކުރިން ވަނީ ސަލްމާންގެ ބައްޕަ، ސާލިމް ހާން ކަސްރަތަށް ނުކުމެ އުޅެނިކޮށް ވެސް ސަލްމާނާއި އޭނާގެ ބައްޕައަށް އިންޒާރުދީފައިވާ ނޯޓެއް ލިބިފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.