13 ޖޫން 2022 - 10:40

މާލޭގެ އެންމެ ބޮޑު ތިން ސްކޫލް އެއްދަންފަޅި އަށް ބަދަލުކުރުމަކީ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި އެކަމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް މާލޭގައި ޖާގައިގެ ދަތިކަމާ ހެދި އެކަން ތަންފީޒުކުރަން ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި 2020 ވަނަ އަހަރު ހުޅުވި އިއްޒުއްދީން ސްކޫލުން ކިޔަވައިދެނީ އެއްދަންފަޅިއަށެވެ. އެ އުސޫލުން ކިޔަވައިދިނުމަށް އިތުރު ހަތަރު ސްކޫލެއް ހުޅުމާލޭގައި އަޅަމުން އަންނަ ކަމަށާއި އަދި މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލް ވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްލޭންތައް އެބަހުރި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ އެއްދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްސީ އެބަ ހަދަން ހުޅުމާލޭގައި އާ އިމާރާތެއް. ހުޅުމާލެއަށް ބަދަލުކުރެވުނީމަ މާލޭގައި ހުރި ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ބޮޑު ތިން ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން ނިންމިއަސް ބަޖެޓު ލިބި، ތަންފީޒުކުރަން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.
މާލެ ސަރަހައްދުގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުނުކުރެވުނަސް، ރާއްޖޭގެ ގިނަ ސްކޫލެއް ވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފަ އެވެ.