ކާރުތަކުގައި "އިންޑިއާ އައުޓް" ޖެހި މީހާ ހައްޔަރުކުރީ އެހެން މައްސަލައެއްގައި
ކާރުތަކުގައި "އިންޑިއާ އައުޓް" ޖެހި މީހާ ހައްޔަރުކުރީ އެހެން މައްސަލައެއްގައި

ތިން ވަޒީރެއްގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި މައްސަލައިގެ ތުހުމަތުވާ މީހާ ހައްޔަރުކުރީ އެހެން މައްސަލައެއްގައިކަން އެނގިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ވަޒީރުންގެ ކާރުތަކުގައި "އިންޑިއާ އައުޓް" ޖަހައިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި އެހެން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ކާރުތަކުގައި "އިންޑިއާ އައުޓް" ޖެހިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަން ސާފެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ވަޒީރުންގެ ކާރުކޮޅުތަކުގެ ކުރީގައި ވަނީ ނޫ ކުލައިގެ ސްޕްރޭއިން އިންޑިއާ އައުޓް ޖަަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅަށް ގެއްލުން ދީފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރީ އިއްޔެ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.

ވަޒީރުންގެ ކާރުތަކުގައި "އިންޑިއާ އައުޓް" ޖެހީ ވެލާނާގޭގައި ޕާކު ކޮށްފައި އޮއްވާ އެވެ. ވެލާނާގެ އަކީ ގްރީންޒޯނުގައި ހުންނަ ތަނެކެވެ. ނަމަވެސް، އެ ތަނުގެ ސެކިއުރިޓީގެ ފަރުވާކުޑަ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށް، އެ ތަން ބަލަހައްޓާ ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.