14 ޖޫން 2022 - 11:32

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނިންމަވައިފި އެވެ.
މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އާއެކު ކެބިނެޓުގައި މަސައްކަތް ކުރައްވާ އިރު އެމަނިކުފާނަކީ ކެތްތެރި އަދި މީހުންގެ ވާހަކަ އަޑު އައްސަވާ ޓީމް ލީޑަރެއް ކަމަށެވެ. އަދި 2023 ގައި އެމަނިކުފާނު އެންޑޯޒް ކުރަން ނިންމާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ އަކީ، ރައީސް ކަމަށް އިބްރާޙިމް މުހަންމަދު ސޯލިހަށް ތާއީދުއޮތް ކަން ފާޅުގައި އެންޑޯޒް ކުރެއްވި ފުރަތަމަ މިނިސްޓަރު ވެސް މެ އެވެ.
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ.
މާރިޔާ އަކީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ރައީސްގެ ވެސް ވަރަށް ގާތް ބޭފުޅެކެވެ. މާރިޔާގެ މި ނިންމުން ވެގެން ދާނީ، އެތެރޭގެ މަސްރަހު ހޫނުވެފައިވާ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑު ބަހުސެއް ހިނގާނެ ނިންމުމަކަށެވެ. ރައީސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން ނަޝީދު ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.
އެމަނިކުފާނު ރަސްމީކޮށް އެ ވާހަކަ ވިދާޅުވުމާ އެކު މާރިޔާ އެންޑޯޒް ކުރެއްވުމަކީ ކެބިނެޓުން ރައީސްގެ ކެމްޕެއިން ކުރިޔަށް ގެންދަން ނިންމުން ކަމަށް ބެލެވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ އެވެ. ކުރީގެ އިންތިހާބުތަކުން ވެސް ފެނުން ގޮތަށް 2023 ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނާ އެކުގައި ކަމަށާއި ކޯލިޝަން އޮތީ އެމަނިކުފާނާާ އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް،" ރައީސް ވިދާޅުވި އެވެ.