14 ޖޫން 2022 - 13:07

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްފައި ވަނީ މައްސަލަތަކުގައި ބަހުސްކޮށް ހައްލު ހޯދަން ކަމަށާއި އެ ފުރުސަތު ނުދޭ ވިޕްލައިނަކަށް ތަބާ ނުވާން ނިންމުމުން، "ހަދާނެ އެއްޗެއް ހަދަންވީ" ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާ ޕީޖީ ގްރޫޕުގައި ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެމްޑީޕީން ނެރޭ ވިޕަށް އެ ޕާޓީގެ 65 މެމްބަރުން ވެސް ތަބާވާން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވާން ފެއްޓެވުމުންނެވެ. އީވާ ހިމެނިވަޑައިގަންނަވަނީ، ވިޕަށް ވޯޓު ނުދޭން އިއްޔެ ތާއީދުކުރެއްވި 19 މެމްބަރުންގެ ތެރޭގަ އެވެ.
ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އީވާ ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ އެއް ސިފަ ކަމަށެވެ. ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާ އެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ އެތެރޭގެ ވިޔަސް މަޖިލީހުގައި ވިޔަސް ކޮމިޓީއެއްގައި ވިޔަސް ކޮންމެ ބަހުސެއްގައި ވިޔަސް އެކަން ހިނގަން ޖެހޭނެ ގޮތަކީ އެއީ އެވެ.
"މެޖޯރިޓީ އޮތަސް މައިނޯރިޓީ އާއި އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން. މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާއި މަޖިލީހުގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސްއަށް ވެސް ޖާގަ ބަންދުކުރުމެއް ނޫން،" އީވާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބުކުރީ ބަހުސްކުރަން."
އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަމުގައި ވިޔަސް "އެޅިހާ ބަތަކަށް ރިހަވާކަށް ނޫން" ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު 19 މެމްބަރަކު ވިޕްލައިނަށް ވޯޓު ނުދޭން ނިންމީ، މަޝްވަރާނުކޮށް މައްސަލަތައް ނިންމަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވަ އެވެ. އެ ގްރޫޕް ތެރެ ހޫނުވީ، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅަން ނިންމި ގަރާރަށް ޕާލަމެންޓްރީ ގްރޫޕުން ތާއީދު ނުލިބުމުންނެވެ. އެ ވާހަކަ މަޖިލީހުގައި ދައްކަން ވެސް ބައެއް މެމްބަރުން ބޭނުން ނުވާ ކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި މެމްމަބަރުންގެ އެބައޮތެވެ.
އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާ ޕީޖީ ގްރޫޕްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައި ވިޕަށް ނުބަލައި ވޯޓު ދެއްވަން ނިންމެވީ ނަޝީދާ އެކު ތިއްބެވި މެމްމަބަރުންނެވެ. ކުރިން ތިއްބެވި 18 މެމްބަރުންގެ އިތުރުން، އެ ފެކްޝަނުގެ ނިންމުމަށް ތާއީދުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައި ހުންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.