ސްޓެލްކޯގެ ޗެއާމަނަކަށް ކުރީގެ މެމްބަރު އިބްރާހިމް ދީދީ އައްޔަންކޮށްފި
ސްޓެލްކޯގެ ޗެއާމަނަކަށް ކުރީގެ މެމްބަރު އިބްރާހިމް ދީދީ އައްޔަންކޮށްފި

ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ މިއަދު އައްޔަންކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ފީސީބީ) އިން ބުނީ ސްޓެލްކޯގެ ބޯޑު މެމްބަރުކަމަށާއި އެ ކުންފުނީގެ ޗެއާމަން ކަމަށް އިބްރާހިމް ދީދީ ހަމަޖައްސާފައިވާ ކަމަށެވެ.

ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.

މަޖިލިސް މެމްބަރުންކަން ކުރެއްވުމުގެ އިތުރުން އިބްރާހިމް ދީދީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ މާލެ ސަރަހައްދުގެ ކޮމާންޑަރުކަން ވެސް ކުރައްވައިފަ އެވެ.

އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އިބްރާހިމް ދީދީ ވާދަކުރެއްވި އެވެ.

ސްޓެލްކޯގެ ޗެއާމަން ކަމަށް އިބްރާހިމް ދީދީ ހަމަޖެއްސެވިއިރު، ދާދިފަހުން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ހަމަޖައްސައިފަ އެވެ.