19 ޖޫން 2022 - 08:55

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެއްގޮތަކުން ސަލާމަތްނުވިއްޔާ އަނެއް ގޮތަކުން ވެސް ސަލާމަތްވާން ދޮރެއް ހުޅުވާކަން އެއީ ދެން މިހާރު ނޭނގޭ ވާހަކައެއް ނޫނެވެ. ފުލުހުންނޭ، އިޖުރާއަތޭ، ޗެއިން އޮފް ކަސްޓަޑީއޭ ކިއެއް ކަމަކު ޑްރަގް ޓްރެފިކިންގެ ބޮޑެއްގެ މައްޗަށް ކުށް ސާބިތުވާނެ ފެންވަރަށް ރާއްޖޭގައި މިހާރު ތަހުގީގެއް ކުރެވޭކަމަށް ނުވާތީ މި ދައްކާ ގާނޫނީ ވާހަކަތައް އާންމުންނަށް އެއީ ޖޯކެކެވެ.

މިދިޔަ ހަފްތާގައި ވެސް ކިލޯއަކަށް ވުރެ މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން އަތުލައިގަތް މީހަކު ސަލާމަތްވެގެން ދިޔަ ގޮތާއި އެކަމުގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުން ހިނި އަޔަސް މި ހިނގަނީ ހޭން ވާވަރަށް ވުރެ ސީރިއަސް ކަމެކެވެ.
މިއީ އެ ވާހަކަ އެވެ.
މަސްތުވާތަކެތީ މައްސަލަތައް ޝަރީއަތަށް ދިއުމުން މިހާރު ދިމާނުވެ ނުދާނެ ޗެއިން އޮފް ކަސްޓަޑީ އޮޅުން މި މައްސަލާގައި ވެސް ދިމާވި އެވެ. އެކަމަކު މަސްތުވާތަކެތި ފެނުނީ ދައުވާ ލިބުނު މީހާ ގެނައި ފޮއްޓަކުންކަމާއި އެ ފޮށީގައި ހުރީ މަސްތުވާތަކެތިކަމާ މެދު އެއްވެސް ޝައްކެއް އުފެދޭ ކަމެއް ދިމައެއް ނުވެ އެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރުމުން ވެސް އެއީ އެހެން މީހެއްގެ ފޮއްޓެއް ކަމަށް ބުނާތީ ކަސްޓަމްސް އާއި ފުލުހުން އެދުނީ އެ ފޮއްޓާ ހަވާލުވާން އަންނަ މީހަކު ބެލުމަށް ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމަށެވެ. އެކަމަކު ފޮށި ގެނައި މީހާ އެކަން ކުރުމަށް އެއްބާރުލުން ނުދިނީ އެވެ. އަދި މުޅި ތަހުގީގު މަރުހަލާގައި ވެސް ހަނުހުރީ އެވެ.
އެހެން ހުރެފައި، ދައުވާކޮށް ޝަރީއަތް ފެށުމުން ކުއްލިއަކަށް "އުފެދުނީ" ހެކިންނެވެ.
ވަކީލަކު ހަމަޖެއްސުމާ އެކު ބުނަނީ މަސްތުވާތަކެއްޗަކީ މީގެ ތިން އަހަރު ކުރިން ޖަލަށް ލާފައިވާ މީހެއްގެ އެއްޗެއް ކަމަށެވެ. ޗެއިން އޮފް ކަސްޓަޑީއާ ހެދި، ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް ޖަލުގައި ހުރި މީހާ އެއީ ތިމަންނާގެ އެއްޗެކޭ ބުނުމުން އެކަން އެ އޮތީ ސާބިތުވެފަ އެވެ.
ވަކީލުގެ ރަށު ކުއްޖަކު ޖަލުގައި ހުރެ ހެކިބަސް ދެމުން ބުނީ ދައުވާ ލިބޭ މީހާއާ ވަރަށް ގާތްކޮށް އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އޭނާގެ އެކުވެރިޔާ އަކީ ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ގޮސް އުޅޭ މީހެއް ކަމަށެވެ. އެހެން ގޮސް އަންނައިރު ހަދިޔާ ވެސް ގެނެސްދޭ ކަމަށާއި ޑްރަގްސް ހުރި ފޮއްޓަކީ ވެސް ދައުވާ ލިބުނު މީހާ "ޕާކިސްތާނުގެ ކަރާޗީގައި ކިޔަވަން ހުންނަ މީހަކާ ބައްދަލުކޮށްލަން" ދިޔަ ދަތުރެއްގައި އެކޮޅުން މީހަކު ހަވާލުކުރި ފޮއްޓެއް ކަމަށެވެ.
އަންނައުނު ހުރި އެ ބުނާ ލުއި ފޮއްޓަކީ ޑްރަގްސް ހުރި އެއްޗެއްކަން ދައުވާ ލިބުނު މީހާއަށް ނޭނގޭނެ ކަމަށް ބުނަނީ މި ހިސާބުންނެވެ.
މާލޭގައި މަސްތުވާތަކެތި ވިއްކަން އުޅެނިކޮށް މީގެ ކުރިން އަތުލައިގަތް ޕާކިސްތާނު މީހަކު ދިން ކަމަށް ބުނާ އެ ފޮށި ނުލިބެނީސް، ހެކިވެރިޔާ ހައްޔަރުކޮށް އެހެން މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލީ ކަމަށް އޭނާ ބުންޏެވެ. މީނާ ބުނާ ގޮތުން ފޮށީގެ މައްސަލާގައި، ދައުވާ ލިބުނު މީހާ ހައްޔަރުކުރިކަން އެނގުނީ އަނބިމީހާ ފޯނުކުރި ދުވަހަކު އެ ވާހަކަ ބުނުމުންނެވެ.
ވާހަކަ ނިމުނީ އެވެ.
މި ހިނގި ކަންކަމާ މެދު ސުވާލެއް ވެސް އުފެދޭ ވަރެއް ނުވޭ ދޯ އެވެ؟ ރައްޓެއްސަކާ ބައްދަލުކޮށްލަން ޕާކިސްތާނަށް ޖައްސާލާފައި އައިތަނުން ހައްޔަރުކުރީ އެވެ. ދިވެހިން ޗުއްޓީ އާއި އެހެން ކަންކަމުގައި އެންމެ ގިނައިން ދަނީ ޕާކިސްތާނަށް ކަމަށާއި އެ ގައުމަށް އެހެން ގޮސްލުމަކީ ސުވާލެއް އުފެދެންޖެހޭ ކަމެއް ނޫންކަން ވެސް އެނގެއެއްނޫން ހެއްޔެވެ؟ މީހަކާ ހަވާލުކޮށްލަން ދިން ފޮށިން ޑްރަގްސް ފެނުނަސް އެ ބަލާ އަންނަ މީހާ އެއާ ޒިންމާކުރުވަން ނޫޅެ އަނގަ ބައްދައިގެން ހުރީ ވެސް ނޭނގި ހުއްޓާ މި ދިމާވި ކަންތަކާ ހެދި އާޝޯޚުވެ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ފޮށީގެ ވާހަކަ ދެއްކިކަމާއި އެ ވާހަކަ ދެއްކި އިރު އެހެން ބަޔަކު ވެސް އެތަނުގައި ތިބިކަން ހަނދާންވީ ވަކީލަކު ހަމަޖެހުނީމަ އެވެ.
އިތުރަށް ދައްކާނެ ވާހަކައެއް އުފައްދާނެ ސުވާލެއް ދެން ނޯންނާނެ އެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިނގާ ސިލްސިލާ އެވެ. މި އުޅެނީ އަލަށް މިކަހަލަ ކަމެއް ދިމާވެގެންނެއް ނޫނެވެ. ތަހުގީގޭ ހެއްކޭ އިޖުރާއަތޭ ގާނޫނޭ ކިޔެއް ކަމަކު މި ވަނީ ކީއްކަން ނޭނގިގެން އެއްވެސް މީހަކު ނޫޅެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަކީ ވިއްކަން ގެންނަ ތަކެތި އަތުލުން ކަމަށް ވާއިރު އެތައް ސަތޭކަ ކިލޯއަކުން އެބަ އަތުލައިގަނެ އެވެ. މީހުން އެބަ ހައްޔަރުކުރެ އެވެ. ހެކި ދައްކަ އެވެ. ނުވަނީ ސާބިތެވެ.
ރާވައިގެން ހިންގާ ޖަރީމާތަކޭ ކިޔަނީ މި ހުރިހާ ސިފަތަކެއް ހަމަވާތީ އެވެ. ފަޅާއަރާ ހިސާބުން ފެށިގެން ހުކުމާ ހަމަޔަށް ވެސް ހުރިހާ ކަމެއް ހުންނާނީ ތަރުތީބުވެފަ އެވެ. ތަރުތީބެއް ހަމައެއްލަމައެއް ނެތީ ނިޒާމުގެ ތެރޭގަ އެވެ.
ފަޅާއަރައިފި ނަމަ ޑްރަގާ ހަވާލުވާނެ މީހުން ތިބޭނީ ހަމަޖެހިފަ އެވެ. ހެކިވެރިން ވެސް ތިބޭނެ އެވެ. އަސާސީ ކަންކަމަށް ހޭދަކޮށްލެވޭނެވަރު ވެސް ނެތި ލާހޫރެން އުޅޭ މީހާ ކޯޓަށް ދާއިރު ރާއްޖޭގެ އެންމެ އަގުބޮޑު ވަކީލުން ތިބޭނީ ހަމަޖެހިފަ އެވެ.
މިހާރު ކަންތައް ގޮސް އޮތް ހިސާބަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ނަމަ ދައުވާކުރަން ކޯޓާ ހިސާބަށް ވެސް ނުގޮސް ދޫކޮށްލުން ކަމަށް ބުނާނެ ކަންތައް އެބަ ހިނގަ އެވެ. ރަނގަޅަށް ކުރެވުނު ތަހުގީގެއް އޮތް ކަމަކަށް ނުވެ އެވެ. ޑްރަގް ޓްރެފިކިން އަކީ ރާވައިގެން ހިންގާ ކުށް ނުވަތަ އޮގަނައިޒްޑް ކްރައިމް އަށް ވިޔަސް ކުށް ސާބިތުކުރުމުގައި ވިސްނުން ވެސް ގާނޫނީ ނިޒާމު ވެސް އޮތީ އާންމު މިންގަނޑުގަ އެވެ.