ރަސޫލާ އަށް ނާޒިމް ފުރައްސާރަކުރި މައްސަލައެއް ވެސް ފުލުހުން ބަލަނީ
ރަސޫލާ އަށް ނާޒިމް ފުރައްސާރަކުރި މައްސަލައެއް ވެސް ފުލުހުން ބަލަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު، ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރަސޫލާ އަށް ނާޒިމް ފުރައްސާރަ ކުރި މައްސަލައެއް މިއަދު އެ އިދާރާ އަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ނާޒިމް ވަނީ މި ތުހުމަތު ދޮގުކުރައްވައި ރަސޫލާއަށް ފުރައްސާރަކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބިދޭސީއެއް ކަމަށް ބެލެވޭ ފިރިހެނަކާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ހިންގާ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓައިފަ އެވެ. އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް އެ މައްސަލާގައި ރޭ ސުވާލު ވެސް ކުރި އެވެ.

އެ ވީޑިއޯ އާންމުވުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވީޑިއޯއާ ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ކަމަށް އިންކާރުކުރައްވައިފަ އެވެ. އަދި ފުލުސް އޮފީހަށް ރޭ ހާޒިރުކޮށްފައި ވަނިކޮށް މިއަދު ވަނީ އޭނާގެ ޓުވިޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފަ އެވެ.

ވީޑީއޯ އިން ފެންނަނީ އޭނާ ކަމަށް ނާޒިމް އިންކާރުކުރިޔަސް އެތައް ބަޔަކު ދަނީ އޭނާ ހައްޔަރުކުރަން ގޮވައިލަމުންނެެވެ. ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެފަދަ މައްސަލަތަކާ އަޅައިނުލާ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން ބުނީ އެ ވީޑިއޯގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.