އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓާ ގުޅޭ އާ ވާހަކަތަކެއް
އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓާ ގުޅޭ އާ ވާހަކަތަކެއް

އެޕަލް އިން މިހާރު މަސައްކަތް ކުރަމުން އަންނަ އެންމެ ޝައުގުވެރި އާ އުފެއްދުން ކަމަށްވާ "މިކްސްޑް ރިއަލިޓީ ހެޑްސެޓް" ލޯންޗުކުރަނީ އަންނަ އަހަރު ޖެނުއަރީގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްލޫމްބާގް އިން ރިޕޯޓްކުރި ގޮތުގައި، އަގުމެންޓެޑް ރިއަލިޓީ (އޭއާރް) އަދި ވާޗުއަލް ރިއަލިޓީ (ވީއާރް) ތަޖުރިބާކޮށްލެވޭނެ އެ ހެޑްސެޓް އުފައްދަނީ މި މަހު އެޕަލް އިން އިއުލާންކުރި އެ ކުންފުނީގެ އެންމެފަހުގެ ޕްރޮސެސާ "އެމް2" ޗިޕްއާ އެކުގައި ކަމަށެވެ.

އެ ހެޑްސެޓްގައި 16 ޖީބީގެ ރޭމްއެއް ވެސް އިންނާނެ ކަމަށް އެ ނޫހުން ބުންޏެވެ.

މި މަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް އިން "އެމް2" ޗިޕް އިއުލާންކުރުމަށް ފަހުގައި ބުނީ އެ ޗިޕުން "އެމް1" އަށް ވުރެ 18 ޕަސެންޓް އަވަސް ސީޕީޔޫއަކާއި 35 ޕަސެންޓް އަވަސް ގީޕީޔޫގެ ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

އެޕަލްގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު އެ ހެޑްސެޓް ޓެސްޓު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.