27 ޖޫން 2022 - 16:41

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާން ހައްޔަރު ކުރި ވަގުތު އޭނާގެ ކައިރީގައި ހުރި ދަރިފުޅު ގޮވައިގެން ގެއަށް ދާން ފުލުހުން ފުރުސަތު ދިން ކަމަށާއި އެ ކުއްޖާ އަށް ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވޭތޯ ބަލައި އެކަމުގައި ވެސް އެހީވި ކަމަށް އެ އިދާރާގެ އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ނިޝާން ހައްޔަރު ކުރި ރޭ އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ދެބަފައިން މަގުމަތިން ހުއްޓުވައިގެން ތިބޭއިރު، އެ މީހުންގެ ވަށައިގެން އެސްއޯ ފުލުހުން ތިބެ އެވެ. ކުއްޖާ ބިރުން އުޅޭތީ، އޭނާ ބައްދާލަތަން ވެސް ފެނެ އެވެ.
މިދިޔަ އަންގާރަ ދުވަހު ހެނދުނު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، އެ ވީޑިއޯ އިން އެއް އޭންގަލަކުން ނުބައި ގޮތަކަށް މަންޒަރު ފެނުނަސް ކުއްޖާ ފެނުން ހިސާބުން ފުލުހުންގެ ހަރަކާތް ބަދަލު ކޮށްފައިވާ ކަމަށެވެ.
ނިޝާން ހުރި ސަރަހައްދަށް ފުލުހުން ފޭބުމާ އެކު، ކުޑަކުއްޖާ ފެނުމުން ސްވޮޓް ފުލުހުން ވަގުތުން ކްރައުޑް ކޮންޓްރޯލް ކުރުމާއި ޓްރެފިކް މެނޭޖުކުރުމުގެ މަސައްކަތްކުރި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ނިޝާނާއި އޭނާގެ ދަރިފުޅު ކައިރިޔަށް ދިޔައީ ކުލަ ހެދުމުގައި ތިބި ދެ ފުލުހެއް ކަމަށާއި ދަރިފުޅު ގޮވައިގެން ގެއަށް ލާން ދާން ފުރުސަތު ދިން ކަމަށް ރިޔާޒް ވިދާޅވި އެވެ.
"ދެ ފުލުހުން ގޮސް އޭނާ [ނިޝާން] އާ ބައްދަލުކޮށްފައި އޭނާ ކައިރީ ހައްޔަރު ކުރާށޭ އައީ ބުނެފައި ދަރިފުޅު ގޮވައިގެން ގެއަށް ގޮސް ލާން ފުރުސަތު ދިނިން. ގެ އަށް [ދަރިފުޅު] ލާފައި އައުމުން ދެން [ނިޝާން] ބެލުމުގެ ދަށަށް ގެންދިޔައީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވިގޮތުގައި، ދަރިފުޅު ކައިރީގައި ހުއްޓާ ކުއްލިއަކަށް ފުލުހުން ދިއުމުން އޭގެ ކަންބޮޑުވުން ނިޝާން ވެސް ފާޅުކުރެއްވި އެވެ. ނަމަވެސް އެ ކުއްޖާ ގޮވައިގެން ގެއަށް ދާން ފުރުސަތު ދިންކަން ނިޝާން ވެސް ފާހަގަކުރާ ކަމަށާއި އިތުރު ޝަކުވާއެއް ނުކުރާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ނިޝާނާ ބައްދަލު ކުރުމަށް ފަހު، ދަރިފުޅަށް އެއްވެސް އުނދަގުލެއްވިތޯ ސުވާލުކުރި ކަމަށާއި ދަރިފުޅާ ވާހަކަ ދެއްކުމަށް ފޯނު ކުރުމުގެ ފުރުސަތު ވެސް ދިން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެ ކުއްޖާ އަށް ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ނަމަ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓު މެދުވެރިކޮށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ކުއްޖާ އަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފުލުހުން ވެސް އަދި ޖެންޑާ މިނިސްޓްރީ އިން ވެސް އޮފާ ކުރި،" ރިޔާޒް ވިދާޅުވި އެވެ.
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލާގައި ނިޝާން ހިމެނޭ ގޮތަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ސީރިއަސް މައްސަލައެއް ގޮތުގައި ފުލުހުން އަންނަނީ ބޮޑު ތަހުގީގެއް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ވެސް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.