ދޮގު
ދޮގު

ބުދަ ދުވަހާ ގުޅޭ

ޖީޒާ ބުނި ގޮތް ހެދުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ. އޭރުން ވެސް މައްސަލަތައް ކުރިމަތިވާނެކަން އެނގެއެވެ. އެހެނަސް، އަހަރެންގެ ދަރިފުޅުގެ ހަޔާތަށް އެޅިފައިވާ ކަޅު ހިޔަނިން ދަރިފުޅު ސަލާމަތްކުރެވޭނެއެވެ. އޭނަގެ މުސްތަގުބަލު އަލިކޮށްދެވޭނެއެވެ. އެ ނޫން ކަމަކަށް ވިސްނާނެ ވަގުތެއް ނެތެވެ.

ޒާލިފުގެ ހާލު ވަރަށް ސީރިޔަސްވިއެވެ. ލޮލެއް ނުހުޅުވައެވެ. އޭނައަށް ކުރިމަތިވެފައިވަނީ އެންމެ ކަމެއް ނޫނެވެ. ނުކެވުމާއި، ނުނިދުމާއި، ނުކެރުމުގެ ސަބަބުން، ވިންދުޖަހަން ހިތަށް ނުކުޅަދާނަވާ ހިސާބަށްދިޔައެވެ. ހުރިހައި ވަގުތު ޒާލިފު ގާތުގައި އަހަރެން އިނީމެވެ. ގިނަ ވަގުތު ޒާލިފުގެ ކުޑަކުޑަ އަތްތިލަ އޮންނާނީ އަހަރެންގެ އަތުތެރޭގައެވެ. ކޮންމެ ވަގުތަކު ވެސް އެ އަތްތިލަ ދޫވެދާނެކަމުގެ ބިރުއޮތެވެ. ނަރުތަކާއި ހޮޅިތައް ގުޅާފައިވާ މެސިނުގެ އިސްކިރީނުން ފެންނަމުންދިޔައީ ބިރުވެރި މަންޒަރެކެވެ. ތަނަށް ފެތުރިފައިވަނީ ބިރުވެރި މިޔުޒިކެކެވެ. ހީވާ ކަހަލައެވެ. އަހަރެންގެ ހިތް ވެސް ވިންދުޖެހީ އެ ހަމައަށެވެ. ދަރިފުޅުގެ ވިންދު ހުސްވާ އަޑަށް އަހަރެންގެ ނޭވާ ވެސް ނުލެހޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

"ބައްޕާ!" ދެބަދޭތެރޭގައި ޒާލިފު ބުނިހެން އަހަންނަށް ހީވިއެވެ.

ޒާލިފުގެ ހިތް ރުއީ އޭނައަށް ލިބިފައި ގެއްލުނު ލޯތްބަކަށް ނޫނެވެ. ނުލިބުނު ލޯތްބަށެވެ. ތަޖުރިބާނުކުރެވުނު، އިހުސާސްކުރާނެ ފުރުސަތު ވެސް ނުލިބުނު ލޯތްބަށެވެ. އެއީ ކިހައި ބޮޑު އަޖައިބެއް ހެއްޔެވެ؟ ކުރީ ފިރިމީހާގެ ލޯތްބެއް އަހަންނަކަށް އުންޏެއް ނުވެއެވެ. އެކަމަކު، އަތްފޯރާ ފަށުގައި ހުރި ނަމަ، ޒާލިފަށް ޓަކައި އޭނައަށް ގުޅީމުހެވެ. ދަރިފުޅާ ބައްދަލުކޮށްލަން އައުމަށް އެދުނީމުހެވެ. އަމިއްލަ ނަފުސާ ދެކޮޅަށް ނަމަވެސް އަހަރެން އެ ކަން ކުރީމުހެވެ.

"އިރާދަކުރެއްވިއްޔާ ބައްޕަ އަންނާނޭ ދަރިފުޅާ!" އަހަންނަށް ބުނެވުނެވެ. "ދަރިފުޅު އަވަހަށް ރަނގަޅުވޭ އިނގޭ! އޭރުންނެއްނު ބައްޕަޔާ ބައްދަލުކުރަން ދެވޭނީ."

ކުރިން ނުބުނާ އެއްޗެއް އަހަންނަށް ބުނެވުނީ، ހަގީގީ މާނައަކު ނޫނެވެ. އެއީ އެ ވަގުތަށް އެންމެ މުނާސަބުކަމަށް ފެނިގެން ބުނެވުނު އެއްޗެކެވެ. އެހެނަސް، އެހެން ބުނެވުމާ އެކު ޒާލިފު ލޯ ހުޅުވައިލިއެވެ. ވަރަށް ވަރުބަލި ގޮތަކަށެވެ.

"ޕްރޮމިސް؟" ޒާލިފު އެހިއެވެ.

"އާނ ދަރިފުޅާ! ޕްރޮމިސް!" ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން ބުނީމެވެ.

"ޕްރޮމިސް އިޒް އަ ޕްރޮމިސް އިނގޭ މަންމާ!" ޒާލިފު ބުންޏެވެ.

އެއީ ތެދެކެވެ. ވައުދަކީ ވައުދެކެވެ. ޒާލިފު ކުޑަޔަސް އޭނަ އެ ބުނީ ތެދެކޭ ހިތަށްއެރިއެވެ. އަހަރެންގެ އަނެއް އަތުން ޒާލިފުގެ އަތުގައި މަޑުމަޑުން ޖަހައިލީމެވެ. މި މާނައިގައެވެ. އާނއެކެވެ. ދަރިފުޅުގެ ބައްޕަ ގެނެސްދޭނަމެވެ. މި ފަހަރު އެ ކަން ކޮށްދޭނަމެވެ. އެ ކަމާ ދެން ނުވިސްނާށެވެ.

ހޮސްޕިޓަލުގައި ޒާލިފު ތިން ދުވަސް ވަންދެން ބޭއްވިއެވެ. އަބަދު ކަހަލަ ގޮތަކަށް އަހަރެން ޒާލިފު ގާތުގައި އިނީމެވެ. ބައެއް ފަހަރު އެ އެނދުގައި އޮށޯވެގެން ވެސް އޮންނަމެވެ. އަހަރެން ފުންކޮށް ވިސްނީމެވެ. ޖީޒާ ބުނި މަގު ނޫން އެހެން މަގެއް ދެނެއް ނެތެވެ. އަހަރެން މައިންބަފައިންނާ މަޝްވަރާކުރީމެވެ. ކުރަން އުޅޭ ކަންތައް ކިޔައިދިނީމެވެ. އެ މީހުންގެ ތަޖުރިބާ އަޑުއެހީމެވެ. އެކަކު ވެސް އެ ކަމާ އެހައި ހިތްހަމައެއް ނުޖެހުނެވެ. އެ މީހުންގެ ނަޒަރުގައި އެއީ ވަގުތީ ހައްލެކެވެ. ދާއިމީ ބޮލުގަރިހުމެކެވެ. އެހެނަސް އެއަށް ވުރެ މޮޅު ހިޔާލެއް ވެސް ނުދެވުނެވެ. އަހަރެން ގަސްތުކުރީ އެ މަގު އިހުތިޔާރުކުރާށެވެ. އޭގެ ސަބަބުން ދަރިފުޅުގެ ހިތަށް ލިބޭ ފިނިކަމެއްގެ އެހީގައި ހޮސްޕިޓަލުން ނުކުމެވުނަސް އަހަންނަށް ފުދޭނެއެވެ.

ތިންވަނަ ދުވަހު އަހަރެން ހޮސްޕިޓަލަށް ވަނީ ހުޒާމު ގޮވައިގެންނެވެ. ހުޒާމަކީ އަހަރެންގެ ކުރީ ފިރިމީހާގެ ނަމެވެ. އެ ދަނޑިވަޅު އަހަރެންގެ ހިތް އޮތީ ގޮތެއް ނުނިންމިފައެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނުވަތަ ހާސްކަމެއް ނޭނގިފައެވެ.

"ދަރިފުޅާ!" ހުޒާމު ވަރަށް ލޯބިން ގޮވައިލިއެވެ.

ދުވަހަކު ވެސް ލޯނުހުޅުވާހާ އަވަހަށް ޒާލިފު ލޯހުޅުވައިލިއެވެ. ހައިރާންވެގެން ހުޒާމަށް ބަލައިލިއެވެ.

"ޑެޑީ؟" ޒާލިފު ސުވާލުކުރިއެވެ.

ހިނިތުންވެލައިފައި ބޯޖަހައިލަމުން ހުޒާމު އެނދުގައި އިށީނެވެ. އަހަރެން ނޭވާހިފާއްޓައިލައިގެން ހުރީމެވެ.

"އައި މިސް ޔޫ ޑެޑީ!" ފެންކަޅިވަމުން ޒާލިފު ބުންޏެވެ.

އަހަންނަށް ވަގުތުން ރޮވުނެވެ. އުފަލަކުން ނޫނެވެ. ކުރެވުނު ދެރަ ކަންތަކުގެ ސަބަބުންނެވެ. އެ ސިކުންތުގައި ވެސް އަހަރެންގެ ހިތް ބުންޏެވެ. މި ކުރެވުނީ ރަނގަޅުކަމެއް ނޫނެވެ. އޭރު މާ ލަސްވެއްޖެއެވެ. ހުޒާމު ގައިގައި ޒާލިފު ތަތްކޮށްލިއެވެ. އެ ދެ މީހުން ދުރުކުރަން އަހަންނަށް ކުރެވޭނެކަމެއް ނެތެވެ. އަހަރެންގެ މަގުސަދު ކާމިޔާބުވިއެވެ. އެއްވެސް ބޭހަކުން ދަރިފުޅަށް އެހައި ތަނަށް ނުލިބުނު ފަރުވާ، ހުޒާމުގެ ސަބަބުން ދަރިފުޅަށް ލިބުނެވެ. ހަމަ އެ ސިކުންތުން ފެށިގެން ޒާލިފުގެ ހާލަތު ރަނގަޅުވާން ފެށިއެވެ. ޑަކުޓަރުންނާއި ނަރުހުން ވެސް ހައިރާންވިއެވެ. ހުޒާމަކީ ޖާދޫއެކެވެ.

ދަންވަރު އަހަރުމެން ތިބީ ހޮސްޕިޓަލުގެ ކެންޓީނުގައެވެ. ހުޒާމު ގާތުގައި އަހަރެން ދައްކަންޖެހޭ ލައްކަ ވާހަކަ ހުއްޓެވެ.

"މި ކުރެވެނީ ރަނގަޅު ކަމެއްތަ ސަނާ؟" ހުޒާމު އެހިއެވެ.

"އާނ!" އަހަރެން ވަރަށް ޔަގީންކަމާ އެކީގައި ބުނީމެވެ. "އަހަރެން ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދޭ އެއްވެސް ކަމަކަށް އަހަރެން ގޯސްކަމެކޭ ނުކިޔާނަން. ވަރިހަމަ ކޮންމެ ކަމެއް ވިޔަސް. ޒާލިފުގެ ބައްޕަ ޒާލިފަށް ގެނެސްދޭން އަހަންނަށް މަޖުބޫރު."

"އެކަމަކު އަހަރެންނަކީ ޒާލިފުގެ ބައްޕައެއް ނޫނެއްނު!" އަހަރެންގެ ޖަޒުބާތަށް އިހުތިރާމުކުރާ ރާގެއްގައި ހުޒާމު ބުންޏެވެ. "ޒާލިފަށް އެ ކަން އެނގޭ ދުވަހު ދެން ވާނީ ކިހިނެއް؟"

އަހަރެން ވެސް އެންމެ ބޮޑަށް ވިސްނީ އެ ސުވާލާ މެދުގައެވެ. އެހެންކަމުން ޖަވާބުދޭކަށް ވިސްނާކަށް ނުޖެހުނެވެ.

"އަހަރެން މި ކަން ކުރީ ކީއްވެގެންކަން ޒާލިފަށް ވިސްނޭ ވަރަށް ޒާލިފު ބޮޑުވަންދެން މި ކަން ސިއްރުކުރަން ޖެހޭނީ،" އަހަރެން ބުނީމެވެ. "އޭގެ ފަހުން އަހަރެން އަމިއްލައަށްކަން ނޭނގެ މި ވާހަކަ ބުނާނީ ވެސް. މި ތަންކޮޅަށް ވިސްނާބަލަ! އަހަރެންގެ އެކްސްއަށް ކިޔަނީ ހުޒާމު. ތީ ވެސް ހުޒާމެއް. މީ ކޯއިންސިޑެންޓެއް ނޫން."

ބައްޕަކަމުގައި ޒާލިފަށް ދައްކަން އަހަރެން ބޭނުންވީ، އެ މީހެއްގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ މީހެކެވެ. އަހަންނާ ދާދި އެއް އުމުރެއްގެ މީހެކެވެ. ހުޒާމަކީ އެއް ކިލާހުގައި އުޅުނު އެކުވެރިއެކެވެ. އުޅުން ރަނގަޅު، އިތުބާރުކުރެވޭ، ތެދުވެރި، ހަރުދަނާ މީހެކެވެ. މީހެއްގެ ފިރިއެކެވެ. ބާރަ އަހަރުގެ އަންހެންދަރިޔަކު އެބަ ހުއްޓެވެ. އެ ހުރިހައި ސިފައެއް ވެސް އަހަރެން ބަލައިގަތީ ފައްސިކޮށެވެ. ހުޒާމަކީ ޒިންމާދާރު ބައްޕައެކެވެ.

"މިހާރު ދެން ދަރިފުޅު ވެސް ފެނުނީ. މި ކަން ކާމިޔާބުވާނެކަން ވެސް އެނގުނީ،" އަހަރެން ބުނީމެވެ. "ދެން އޮތީ.. ކީކޭ ބުނާނީ؟ އެންމެ މުހިންމު ބައި. މަހަކު ކިހާ ވަރެއް؟"

ހުޒާމުގެ ދޫ ތަޅުލެވުނެވެ. ފައިސާގެ އަދަދު ބުނަން އޭނައަށް ނުކެރުނީއެވެ. ފައިސާ ބޭނުމެއް ނޫނޭ ބުނަން ވެސް ނުކެރުނީއެވެ. ހުޒާމު އުޅެނީ ވަރަށް އަތްމަތި ދަތިކޮށެވެ. އަހަންނަށް އެ ކަން ވެސް އެނގެއެވެ. އޭނަ ކުޅެންޖެހޭނީ ޑުރާމާއެކެވެ. އޭނައަކީ، އަހަރެން ދަރިފުޅު ބައްޕަގެ ރޯލު އަދާކުރުމަށް އަހަރެން އިހުތިޔާރުކުރި އައްތައެވެ.

"ތީ އަހަރެން ޗޫސްކުރި ކެރެކްޓަރ،" އަހަރެން ދިމާއަށް ބުނީމެވެ. "ތި ރޯލަށް އަގެއް ކިޔޭނެ. ކިޔަން ވެސް ވާނެ. ހުޒާމުގެ ޖޮބާ، ޕާޓްޓައިމް ޖޮބަށް ޓައިމްދީފަ، މި ކަމަށް ވެސް ޓައިމް ދޭން ޖެހޭނެ. ޓައިމް އިޒް މަނީއެއްނު! ހަމަ ކުއްލިއަކަށް ވެސް އަހަރެން ގުޅާލަންޖެހިދާނެ. ޒާލިފަށް ނަންބަރު ލިބުނީމަ އޭނަ ވެސް ވަރަށް އުނދަގޫކުރާނެ."

ދެން ވެސް އެތައް އިރަކު ހުޒާމު އެއްޗެއް ނުބުނެ އިނެވެ.

"އޯކޭ! ފަހުން ވިސްނާފަ ބުނާނަން. އޯކޭއެއްނު!" ހުޒާމު ބުންޏެވެ.

"ކޮން އިރަކުން ބުނާނީ؟" އަހަރެން އެހީމެވެ. "މާދަމާ ޖެހޭނެ ބުނަން. އާނއެކޭ ބުނޭ! ނުބުނަނީހެއް ދުލެއްނުކުރާނަން."

"ލައްބަ ބްރެޓީ ސަނާ!" ސަމާސާ ރާގެއްގައި ހުޒާމު ބުންޏެވެ. "ޖީޒާ ވެސް ނުވާނެ ރަނގަޅެއް. އޭނައަކަށް ނޭނގުނުތަ އަހަރެން ނޫން މީހެއްގެ ނަން ބުނާކަށް؟"

ޖެހިގެންއައި ދުވަހު ޒާލިފު ގެއަށް ގެނައީމެވެ. އެ ކަމުގައި ވެސް ހުޒާމު އުޅުނެވެ. އަސްލު ބައްޕަ ހުރި ނަމަ ވެސް އެހައި ހެވެއް ނުވީހެވެ. ޒާލިފުގެ އަސްލު ބައްޕައަކީ ދޮގުވެރިއެކެވެ. ކަންފަސޭހަ މީހެކެވެ. ދަރިފުޅަށް ޓަކައި އެއްވެސް ކުލުނެއް ނެތް، ހިލަހިތެއްގެ ވެރިއެކެވެ. އަހަރެން ގެނައި ކުލީބައްޕައަކީ ރަންގަނޑެކެވެ. ގުދުރަތީ ގޮތުން އިހުސާންތެރިކަން ލައްވާފައިވާ މީހެކެވެ. އެހެން ހަގީގަތެއް ވެސް އޮތެވެ. އޭނަ އަދާކުރާނީ ވަޒީފާއެކެވެ. ބަދަލުގައި މުސާރަލިބޭނެއެވެ. ވީމާ، ނެތް ރަނގަޅު ސިފަތައް ވެސް އޭނަ ދައްކަން ޖެހޭނެއެވެ.

"ޑެޑީ ދަނީތަ؟" ހުޒާމު ދާން އުޅުމުން ޒާލިފު އެހިއެވެ. "އަދި މަޑުކުރަންވީނު؟"

އަހަރެންގެ މޫނަށް ބަލައި ވެސް ނުލައި ހުޒާމު އެއްބަސްވިއެވެ. ޒާލިފު ރަނގަޅަށް ކެއެވެ. އެތައް އިރެއްވަންދެން ދެ މީހުން ގޭމުކުޅެން ތިއްބެވެ. ދޭތެރެއަކުން ހުޒާމަށް ފޯނާއި މެސެޖު އާދެއެވެ. ކޮންމެވެސް އެއްޗެއް ބުނެލައިފައި ހުޒާމު ނިންމައިލައެވެ. އެންމެ ފަހުން އަހަރެން ހުޒާމު ގެއަށް ފޮނުވައިލީމެވެ. ބައްޕައާއި މަންމަ ތިބީ ވަރިވެފައިކަން ޒާލިފަށް އެނގޭނެއެވެ.

ޒާލިފުގެ ހާލަތު މިނެޓުން މިނެޓަށް ރަނގަޅުވަމުންއައެވެ. އަހަރެންގެ މައިންބަފައިން ދުލުގައި ތަޅުއަޅުވައިގެން ތިއްބެވެ. ކުލީބައްޕައެއް ގެންނަން އަހަރެންގެ މައިންބަފައިން ދެކޮޅެވެ. އެހެނަސް ނަތީޖާ ރަނގަޅުކަމުން ދެކޮޅަށް އެއްޗެއް ބުނާކަށް އެ މީހުންނަކަށް ނުކެރުނެވެ. ޒާލިފު ރަނގަޅުވެ، އެހެން ކުދިން ވެސް އުޅޭހެން އުޅެން ކާފައާއި މާމަ ވަރަށް ބޭނުމެވެ. އެކަމަކު އަހަންނަކީ މަހުޖަނެއް ނޫނެވެ. މާ ބޮޑު އަގެއް ހުޒާމަކަށް ނުދެވޭނެއެވެ. ވީހައި ވެސް އަވަހަކަށް ހުޒާމުގެ އަގު އަހަންނަށް އެނގެންޖެހެއެވެ. ހުޒާމު ނުގުޅައިގެން އަހަރެން މެސެޖެއް ފޮނުވީމެވެ. އަގު ބުނަން ހުޒާމަށް ފަސޭހަކުރުމަށް ޓަކައެވެ.

"ކޮބާ؟" އަހަރެން އެހީމެވެ. "އަގު ބުނޭ! ހަނދާންކުރާތި! އަގެއް ޖެހޭނެ ކިޔަން."

ޖަވާބެއް ނައިސް އިރުކޮޅެއް ދިޔައެވެ. ވަގުތުނުވެގެންކަމެއް، މެސެޖު ނުފެންނާތީކަމެއް ނޭނގެއެވެ. ދިހަ ވަރަކަށް މިނެޓު ފަހުން މެސެޖެއް އައެވެ.

"އެބަ އޮތް ދެ ޗޮއިސް،" މެސެޖުގައި އޮތެވެ.

ނުނިމޭ