01 ޖެނުއަރީ 2017 - 09:49

ސިޑްނީ (ޖެނުއަރީ 1) - އާ އަހަރަށް މަރުހަބާ ކިޔުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުލަގަދަ ހަފުލާތަކާ އެކު ރޭ ބާއްވައިފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީން ނޯތު ކޮރެއާގެ ޕިއޮންޔަން އަދި ރަޝިޔާގެ މޮސްކޯގައި 2016 ވަނަ އަހަރަށް އަލްވަދާއު ކިޔުމުގެ ބޮޑެތި އެއްވުންތަކާއި ބަޑިބޭހުގެ ކުޅިވަރުތައް ވަނީ ބާއްވައިފަ އެވެ. ގިނަ ސިޓީތަކުގައި އާ އަހަރު ފާހަގަކުރީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އެވެ. ޕެރިސް، މެޑްރިޑް، ނިއު ޔޯކް އަދި ލަންޑަން ފަދަ ސިޓީތަކުގައި މީހުން ގިނައިން ޖަމާވި ހިސާބުތަކަށް ވަނީ އިތުރު ފުލުހުން ނެރެފަ އެވެ. އެކަމަކު ތުރުކީގެ އިސްތަންބޫލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރަށް 17،000 ފުލުހުން ނެރެފައި ވަނިކޮށް ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަމުންދިޔަ ބައެއްގެ ތެރެއަށް ބަޑިޖަހާ 35 މީހުން ވަނީ މަރާލައިފަ އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގެ ބުރުޖް ޚަލީފާގައި ބަޑި ބޭހުގެ ކުޅިވަރުތައް ބޭއްވިތާ ގަޑިއެއްގެ އިރު ފަހުން މޮސްކޯގައި ވެސް ވަނީ 2017 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ފަށައިފަ އެވެ. އާ އަހަރަށް ފުރަތަމަ މަރުހަބާ ކިޔާފައި ވަނީ (ޖީއެމްޓީން 10 ޖެހިއިރު) ޕެސިފިކުގެ ސަމާއޯ، ޓޮންގާ އަދި ކިރިބަތީގަ އެވެ. އޭގެ އެއްގަޑިއިރު ފަހުން ނިއު ޒީލެންޑުގެ އޮކްލޭންޑުގެ 1،080 ފުޓޫ ދިގު ސްކައި ޓަވަރުން ހަވާ އަރުވަން ފެށި އެވެ. އޮސްޓްރޭލިއާގެ ސިޑްނީ ހާބާރުގައި ވެސް ވަނީ ހަވާ އަރުވައިފަ އެވެ. ސިޑްނީގައި ހަވާ އަރުވަން ހަތް ޓަނުގެ ބަޑިބޭސް ވަނީ ބޭނުންކޮށްފަ އެވެ.


