ލަންކާ ރައީސްގެ އިސްތިއުފާ ބަލައިގެންފި، އާ ރައީސަކު ހޮވަން 7 ދުވަސް
ލަންކާ ރައީސްގެ އިސްތިއުފާ ބަލައިގެންފި، އާ ރައީސަކު ހޮވަން 7 ދުވަސް

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސާ އިއްޔެ ފޮނުއްވި އިސްތިއުފާގެ ސިޓީ ބަލައިގެން، ސިޓީ ލިބުނު ވަގުތުން ފެށިގެން އެއީ ރައީސް ނޫން ކަމަށް ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ އިއުލާނުކުރައްވައިފި އެވެ.

"ގޮޓާބަޔާ ވަނީ ގާނޫނީ ހަމަތަކުގެ މަތިން އިއްޔެއިން ފެށިގެން އިސްތިއުފާ ދެއްވާފައި،" އިސްތިއުފާ އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބޭވަރްދަނާ ވިދާޅުވި އެވެ.

"އަޅުގަނޑު އޭނާގެ އިސްތިއުފާ ގަބޫލުކޮށްފިން."

ސްރީ ލަންކާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން ނަމަ ރައީސް އިސްތިއުފާ ދެއްވުމާ އެކު އޮޓޮމެޓިކުން ރައީސްކަމުގެ މަގާމު ލިބިވަޑައިގަންނަވާނީ ބޮޑުވަޒީރަށެވެ. އެހެންވެ މިހާރު ވަގުތީ ރައީސަކީ ރަނިލް ވިކެރަމަސިންހާ އެވެ. އެކަމަކު އޭނާގެ އިސްތިއުފާ އަށް ވެސް، އިގްތިސާދީ މައްސަލަތަކާ ހެދި ވެރިން ދެކެ ރުޅިގަދަވެފައި ތިބި ލަންކާގެ އާންމުން ދަނީ ގޮވަމުންނެވެ. އެހެންވެ ރަނިލް ވެސް ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާނުކުރައްވައިފަ އެވެ.

ލަންކާގެ ގާނޫނުއަސާސީގައި ބުނަނީ ރައީސް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޮޑުވަޒީރު ހަވާލުވެވަޑައިގަތުމަށް ފަހު، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޭފުޅަކު ރައީސްކަމަށް އިންތިހާބު ކުރުމަށެވެ. އެ ބޭފުޅަކު، ވެރިކަމުގެ ދައުރުގެ ބާކީ ބައި ފުރިހަމަވަންދެން ރައީސްކަމުގައި ހުންނަވާނެ އެވެ.

އާ ރައީސަކު އިންތިހާބުކުރުމުގެ މަރުހަލާ ފެށުމާ، ގާނޫނުހަދާ މަޖިލިހުގެ ޖަލްސާއެއް މާދަމާ އަށް ވަނީ ތާވަލްކޮށްފަ އެވެ.

"އުންމީދުކުރަނީ އާ ރައީސަކު އިންތިހާބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަތް ދުވަސްތެރޭ ފުރިހަމަކުރެވޭނެ ކަމަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. "ގާނޫނުއަސާސީގައި ބުނާ ކަންކަން ފުރިހަމަކުރުމަށް، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރަން"

މިދިޔަ ހޮނިހިރު ދުވަހު އާންމުން ނުކުމުގެ ރައީސާއި ބޮޑުވަޒީރުގެ ގެކޮޅާއި އޮފީސް ހިސާރުކޮށް އެންމެން އިސްތިއުފާ ދޭން މަޖުބޫކުރުމާ އެކު ރައީސް ސިއްރިއްޔާތުގައި ވަޑައިގަތީ ރާއްޖެއަށެވެ. އާންމުންގެ ޕްރެޝަރު ބޮޑުވެ އޭނާ އިސްތިއުފާ ދެއްވީ އަންގަރާ ދުވަހުގެ ރޭ ރާއްޖެއަށް ވަޑައިގަތުމަށް ފަހު އެއް ދުވަހު ރާއްޖޭގައި ހުންނަވައި އިއްޔެ ސިންގަޕޫރަށް ވަޑައިގަތުމަށް ފަހުގަ އެވެ. ރައީސްގެ އިސްތިއުފާ އީމެއިލް މެދުވެރިކޮށް ރޭގެ ވަގުތެއްގައި ފޮނުވުމާ އެކު ލަންކާގައި އާންމުން ދަނީ އުފާ ފާޅުކުރަމުންނެވެ.