17 ޖުލައި 2022 - 21:52

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ނަރުދޫގެ ރަމްޒު ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅެ، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން ފަސޭހަކަމާއެކު 6-1 އިން މިއަދު ކާމިޔާބު ކޮށްފި އެވެ.

ނޯތު ލީގުގެ ގުރޫޕް ބީ ގައި ހިމެނެނީ ށ. އަތޮޅުގެ ތިން ރަށެއްގެ ޓީމުތަކެކެވެ. އެއީ ނަރުދު އާއި ފޯކައިދޫގެ އިތުރުން ފުނަދޫގެ ޔުނިޓީ ސްޕޯޓްސް ކްލަބެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުމަށް ފަހު، އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް، ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ.
އެ ގުރޫޕުގެ މެޗްތައް ހޯސްޓު ކުރަނީ ފޯކައިދޫގަ އެވެ.
ފޯކައިދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓުގައި އިބްރާހިމް މުޝީރު ލަނޑެއް ޖަހައިދީ، ފޯކައިދޫ ޓީމަށް ލީޑު ނަގައިދިނެވެ. އެ ލީޑު އިތުރަށް ފުޅާވީ 12 ވަނަ މިނިޓުގައި ނަރުދޫ ޓީމުގެ ގޯލްކީޕަރު ހުސެއިން ނަޔާޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ދެވަނަ ހާފު ފެށިގެން 50 ވަނަ މިނިޓުގައި ނަރުދޫ ރަމްޒު ސްޕޯޓްސްގެ އަލީ ރަމްޒީ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓުން އެ ހާފުގައި ހަތަރު ލަނޑު ޖެހި އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 57 ވަނަ މިނިޓުގައި ހަސަން ނަޝީދު ޖަހައިދިން އިރު، 73 ވަނަ މިނިޓުގައި ހަތަރު ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ރިސްވާން (ފުކޭ) އެވެ.
މެޗުގެ 78 ވަނަ މިނިޓުގައި ފޯކައިދު އަށް އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ނަޝީދެވެ. އަދި އޭގެ ހަ މިނިޓު ފަހުން މެޗުގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޝީރެވެ.
އެ ގުރޫޕުގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ކުޅޭނީ ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީ އާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އެވެ.
ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭ ގެ ކުޅުން ނިމިފައި ވާއިރު، އެ ގުރޫޕުން ހއ. ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް (ބީއެކްސް ސްޕޯޓްސް) އަދި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބިފަ އެވެ.