ގަދަ ވަޔާއެކު ހިޔާ ފްލެޓެއްގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ
ގަދަ ވަޔާއެކު ހިޔާ ފްލެޓެއްގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ ސިޑި ކައިރީ ހަރުކޮށްފައިވާ ކުޑަދޮރެއްގެ ބިއްލޫރިގަނޑު މިރޭ އައި ގަދަ ކޮޅިގަނޑުގައި ތަޅައިގެން ހިނގައްޖެ އެވެ.

ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވަނީ ހިޔާގެ ހަތް ވަނަ ޓަވަރުގެ 17 ވަނަ ފްލޯ އިން ފައިބާއިރު ސިޑިކައިރިން އިންނަ ކުޑަދޮރެއްގެ އެވެ. ދޮރުގެ އެއް ފަޅީގެ ބިއްލޫރިގަނޑު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ތަޅައިގެން ގޮސްފަ އެވެ.

މީގެ ކުރިން ވެސް މޫސުން ގޯސް ދުވަސްވަރެއްގައި ވަނީ ހިޔާގައި މީހުން އުޅޭ ބައެެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ވަރަށް ބޮޑަށް ރެނދުލައި ތަޅައިގެން ގޮސްފަ އެވެ.

އެކަމަކު އެޗްޑީސީން އޭރު ބުނެފައިވާ ގޮތުގައި ބިއްލޫރިގަނޑު ތަޅައިގެން ދަނީ ފެންވަރު ދަށްވެގެން ކަމަކަށް ނުބެލެވެ އެވެ.

ހާމަކަން ބޮޑު އެ ސަރަހައްދުގައި ވައިގަދަ ދުވަސްވަރު މީހުންނަށް ބޭރަށް ނިކުމެ އުޅެން ވެސް އުނދަގޫވެ އެވެ. ވެލީގެ އުނދަގުލާ ހެދި ކުނިތައް ވަޔާ މައްޗަށް އަރައިގެންދާތީ އެކަމުގެ ސަބަބުން ދަތިތަކެއް އެ މީހުންނަށް ކުރިމަތިވެ އެވެ.

ބިއްލޫރިގަނޑު ތަޅައިގެންދާ މައްސަލައިގެ އިތުރުން ބޯކޮށް ވާރޭވެހޭއިރު ފްލެޓްގައި ހަރުކޮށްފައި ހުންނަ ސްލައިޑް ކުރެވޭ ކުޑަދޮރުތަކުގެ ތިރީ ބައިގައި ފެން ހަރުލައި އެތަން ފުރިގެން އެޕާޓްމަންޓްތަކުގެ ތެރެއަށް ފެން ވަންނަ މައްސަލަ ވެސް ބޮޑެވެ. އެކަމަކު އެޗްޑީސީން ވަނީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މިދިޔަ މަހުގައި އެޗްޑީސީން އެ މަސައްކަތް ފަށާފައި ވަނީ ކުޑަދޮރުން ފްލެޓް ތެރެއަށް ފެން ވަންނަ މައްސަލައާ ގުޅިގެން އެކަމަށް ހައްލެއް ގެނައުމަށް ބޭނުންވާ ތަކެތި މިހާރު ރާއްޖެއަށް ގެނެވިފައިވާތީ އެވެ.
އެ މައްސަލައަކީ ބައެއް ފްލެޓްތަކަށް ދިމާވެފައިވާ މައްސަލައަކަށް ވާތީ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން އެ ފަރާތްތަކަށް ގުޅައި މައްސަލަ ހައްލުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.