18 ޖުލައި 2022 - 09:16

އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އަޒުނީން ރަޝާދު، 2018 ގައި ތަމްރީނު ހަދަމުން ދަނިކޮށް އޭނާގެ ކޮނޑު ހުޅު ނެއްޓި އަނިޔާގެ ދަންތުރައަކަށް މެހުނެވެ. ބޮޑީ ބިލްޑިންގައި ދެން ކުރިއަށް ނުދެވޭނެ ކަމަށް ފަރުވާ ދިން ޑޮކްޓަރުން ވެސް ބުންޏެވެ.

އަލުން ޖިމަށް ނުކުމެ ތަމްރީނު ހަދައި ބޮޑީ ބިލްޑިންގެ ސްޓޭޖަށް އޭނާ އަށް އަލުން އެރިދާނެ ކަމަށް ގަބޫލުކުރި މީހަކަށް މި އުޑު ދަށުގައި އޭރު ހުރީ ވެސް އޭނާ އެކަންޏެވެ. އޭގެ ކުރިން 2017 ގައި ބޭއްވި މިސްޓަ މޯލްޑިވްސްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ކުރިއެރުން ހޯދި އެތުލީޓް ބުނި ގޮތުގައި އޭނާގެ ކެރިއާ ބިމާ ހަމަވީ ކަމަށް އެހެން މީހުން ވެސް ބުންޏެވެ.

ފަރުވާ ދިން ޑޮކްޓަރުން ވެސް ލަފާ ދިނީ ދެން އޭނާ ބޮޑީ ބިލްޑް ނުކުރުމަށެވެ. ސަބަބަކީ ކޮނޑު ހުޅު ނެއްޓުމަށް ފަހު ދެން އަބަދު ވެސް ދޭތެރެދޭތެރެއިން ހުޅު ނެއްޓުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށް، ޑޮކްޓަރުންނާ ހަވާލާދީ އަޒުނީން 32، ބުންޏެވެ.

"އެކަމަކު އަޅުގަނޑު ބޭނުން ނުވީ އެހެން ބުންޏަސް އެހާ ފަސޭހައިން ގިވްއަޕް ކުރަން. ކޮނޑުހުޅުގައި ވެސް އަމިއްލަ އަށް އައިސް އަޅައިގެން ރިހިބިލްޓޭޝަން ހެދުމުގެ ގޮތުން އަމިއްލަ އަށް ޓްރެއިން ކުރެވޭ ވަރަކަށް ޓްރޭނިން ކުރިއަށް ގެންދަމުން ދިޔައީ. ބަރާބަރު ހަ މަސް ފަހުން އަލުން ޖިމްގައި ޓްރޭނިން ފެށިން،" ބޮޑީ ބިލްޑިން މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދާ މާފުށީގައި ހުރެ "މިހާރު" އަށް އަޒުނީން ކިޔައިދިނެވެ.

"ހަގީގަތުގައި މި އުޅެނީ ދިވެހިން ވިސްނާ ގޮތުގެ މައްސަލައެއް. އަނިޔާވީމާ ރަނގަޅަށް ރިކަވަރީ ހެދުމެއް ނެތި ގިވްއަޕް ކުރާނީ. އެކަމަކު އަޅުގަނޑު ބޭނުން ނުވީ އެހެން ދޫކޮށްލަން. އަނިޔާވީމާ ފަރުވާ ކުރުމަށް ފަހު އެންމެ މުހިންމު ކަމަކީ ރަނގަޅަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުން."

އަޒުނީން ގަބޫލުކުރާ ގޮތުގައި އޭނާ އަމިއްލަ އަށް ވެސް ރިހިބިލްޓޭޓް ޓްރޭނިން ކުރިއަށް ނުގެންދިޔަ ނަމަ، އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދޭކަށް އޭނާ އަށް ނުހުރެވުނީހެވެ.

"ރިހިބިލިޓޭޝަން ޓްރޭނިން އަމިއްލަ އަށް ވެސް ކުރިއަށް ގެންދިޔައީމާ އަޅުގަނޑަށް މި ނުކުމެވުނީ. މި ބުނީ ބޮޑީ ބިލްޑް ނުކުރެވޭނެއޭ ޑޮކްޓަރުން ބުނި މީހެއް އަޅުގަނޑަކީ. އެކަމަކު މި ބުނަނީ އިރާދަކުރެއްވީތީ އޭގެ ފަހުން އެންމެ ފަހަރަކު ވެސް އަޅުގަނޑުގެ ކޮނޑުހުޅު ނުނެއްޓޭ. މިހާރު ހަތަރު އަހަރު މިވީ،" އަނިޔާއިން އެނބުރި އައި ފަހުން، މިސްޓަ މޯލްޑިވްސް ކާމިޔާބާއި ވޯލްޑް ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ވެސް ހޯދި އަޒުނީން ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮޑީ ބިލްޑިންގެ ތެރެއަށް އޭނާ އަށް ނުކުމެވުނީ ސްކޫލް ދައުރުގައި ވެސް ފިޓްކޮށް ހުންނަން އޭރު ވެސް ޝައުގުވެރި ކަމާއެކު ކުރެވުނު ކަންކަމުގެ ސަބަބުންނެވެ. ސްކޫލް ދުވަސްވަރު ވެސް ދޭތެރެދޭތެރެއިން އޭނާ ޖިމަށް ދެ އެވެ. ވަކި ފިޒިކެއްގައި ހަށިގަނޑު ބަހައްޓަން އިސްކަން ދީގެން މަސައްކަތް ކުރެ އެވެ. ބޮޑީ ބިލްޑް ކުރަން ފެށުނީ ވެސް އެ ގޮތަށް ކުރި ކަންތައްތަކުގެ ތެރެއިން ކަމަށް އަޒްނީން ބުންޏެވެ.

މިސްޓަ މޯލްޑިވްސްގެ ސްޕޯޓް ފިޒިކް ކެޓަގަރީން އޯވައޯލް ޗެމްޕިއަންގެ އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދި އަޒްނީންގެ ކެރިއާގައި މަޑުޖެހުމެއް އަޔަސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާގެ ވިދުން ފެނުނީ ގަދަކޮށެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި ރޭ ހޯދި ރަންމެޑައްޔާއެކު އޭޝިއާގެ ބައްރުގެ މުބާރާތެއްގައި އަމިއްލަ ގައުމުގައި ވާދަކޮށް ރަންމެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ލިބުނު ވަގުތަކީ ގއ. ވިލިނގިއްޔަށް އުފަން އަޒުނީނަށް ވަރަށް އިމޯޝަނަލް ކުރުވި ވަގުތެކެވެ. ޓްރޮފީއާއެކު ސްޓޭޖުން ފައިބައިގެން އައި ގޮތަށް އޭނާ އަށް ރޮވުނީ އެވެ.
"ވަރަށް ތަފާތު އިހުސާސެއް ކުރެވުނު ވަގުތު ކޮޅެއް އެއީ. ސަބަބަކީ 2017 އިން ފެށިގެން އަޅުގަނޑު ކުރި މަސައްކަތް. އަދި އެ ދެމެދުގައި ބޮޑު އަނިޔާއެއްވެ، މަޑު ޖެހުނަސް އުންމީދު ކުރީ މި ޓާގެޓް ހާސިލު ކުރަން،" އުޒްބެކިސްތާންގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ ފިޒިކް ސްޕޯޓްސް 175 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި އެތުލީޓް ބުންޏެވެ.
"އޭޝިއަން ޗެމްޕިއަންޝިޕްގައި ފުރަތަމަ ލިބުނީ ހަތަރު ވަނަ. އޭގެ ފަހުން ވޯލްޑް ޗެމްޕިއަންޝިޕުން ބްރޯންޒް މެޑަލް ލިބުނީމާ، މި ފަހަރު މުބާރާތުގައި ގޯލްޑަކަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެން ހުރީ."
ދިވެހިންގެ އާންމު މީހާގެ ކެއުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ދުވާލަކު ތިން އިރު ކެއުމަށެވެ. ހެނދުނު ނާސްތާ އާއި މެންދުރު އަދި ރޭގަނޑުގެ ކެއުމާއެކު އެ ދުވަހެއްގެ ކެއުން ނިމުނީ އެވެ. ބައެއް ދުވަސްދުވަހު މެންދުރާއި ރޭގަނޑުގެ ދެމެދަށް ހަވީރުގެ ސައެއް ބޯލައިފާނެ އެވެ. މިއީ ދިވެހި އާންމު މީހާގެ ކެއުމުގެ ވައްޓާފާޅި ހުންނަ ގޮތެވެ. އެކަމަކު ދިވެހިންނަށް މެޑަލް ހޯދައިދޭން ނުކުމެ ހުރި އަޒުނީން އޭނާގެ ހަށިގަނޑު ބައްޓަން ކުރުމަށް ދުވާލަކު ހަ ފަހަރު ކައިގެންނެވެ.
"އަޅުގަނޑު ނަގަން ދުވާލަކު ހަ މީލް،" އޭނާ ބުންޏެވެ.
"އެންމެ ގިނައިން ކަނީ ކުކުޅު. [މާލޭގައި ނަމަ] އަޅުގަނޑު ކާން ބޭނުންވާ އެއްޗިހި ކައްކަނީ އަމިއްލަ އަށް."
ބޮޑީ ބިލްޑް އެތުލީޓެއްގެ ކެއުން ހަމަޖެއްސުމަކީ ހަރަދު ބޮޑު ކަމެކެވެ. ރާއްޖޭގައި ކަނޑުމަސް ބާނާއިރު ވެސް އަގު ބޮޑުކަމުން އޭނާ ގިނައިން ގަންނަނީ ކުކުޅެވެ. ގެރި މަސް ވެސް ރާއްޖެއިން ލިބޭ އަގު ބޮޑެވެ.
"މަހުގެ ބާވަތަކަށް ރާއްޖެއިން އެންމެ އަގު ހެޔޮކޮށް މި ހުންނަނީ ކުކުޅު. އެހެންވެ އަޅުގަނޑު ހުންނާނީ ކުކުޅު ކޭސްކޭހުން ގަނެގެން ގެނެސްފައި. ކާންވީމާ ކޮންމެ ފަހަރަކު އަމިއްލަ އަށް ތައްޔާރުކޮށްލަނީ،" ފުލުހެއްގެ ވަޒީފާގައި ހުރި އަޒުނީން ބުންޏެވެ.
އަޒުނީންގެ އަނެއް ބަޔަކީ ނިއުޓްރިޝަން މާއްދާ މުއްސަނދި ސަޕްލިމެންޓްތަކެވެ. ފިޒީ ޑްރިކްސް އަދި ފާސްފުޓްގެ ބާވާތްތަކަކީ އޭނާއާ ބީރަށްޓެހި ބާވަތްތަކެކެވެ.
އޭޝިއާގެ މުބާރާތުން ހޯދި ރަން މެޑަލްއާއެކު އޭނާގެ އަމާޒުތައް ވެސް މިހާރު ވަނީ މަތިވެފަ އެވެ.
"ދެން އޮތް ޓާގެޓަކީ ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް. އިންޝާ ﷲ ކާމިޔާބު ކުރެވޭނެ،" އަޒުނީން ބުންޏެވެ.