ޖީސަސް އަށް ފަހު ސިޓީގެ ޒިންޗެންކޯ ވެސް އާސެނަލް އަށް
ޖީސަސް އަށް ފަހު ސިޓީގެ ޒިންޗެންކޯ ވެސް އާސެނަލް އަށް

ލަންޑަން (ޖުލައި 19) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އަށް ފަހު، އެ ޓީމަށް ކުޅޭ ޔޫކްރޭންގެ މިޑްފީލްޑަރު އޮލެކްޒެންޑަ ޒިންޗެންކޯ، އާސެނަލްއާ ގުޅެން އެއްބަސް ވެއްޖެ އެވެ.

ޖީސަސް އަށް ފަހު ސިޓީގެ ޒިންޗެންކޯ ވެސް އާސެނަލް އަށް
ޖީސަސް އަށް ފަހު ސިޓީގެ ޒިންޗެންކޯ ވެސް އާސެނަލް އަށް

ސިޓީ ދޫކޮށް އޭނާ އާސެނަލް އަށް ދާން އެއްބަސް ވެފައި ވާއިރު، އާސެނަލް ވަނީ މިދިޔަ ހަފުތާގެ ބަންދުގައި ސިޓީއާއެކު 36 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް އެއްބަސް ވެފަ އެވެ. އާސެނަލް އިން އެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ސިޓީގެ ފޯވާޑް ޖީސަސް ގެންދިޔައީ 54 މިލިއަން ޑޮލަރަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޒިންޗެންކޯ، އާސެނަލް އަށް ބަދަލުވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ޖޫން 2026 އާ ހަމައަށެވެ. އާސެނަލް އަށް ބަދަލުވާން އެއްބަސްވި ނަމަވެސް، އުމުރުން 25 އަހަރުގެ ޒިންޗެންކޯ މި ވަގުތު ހުރީ މެންޗެސްޓާ ސިޓީގެ ޕްރީސީޒަން ޓުއާގައި އެމެރިކާގަ އެވެ.

އާސެނަލްގެ ޓީމު ވެސް ތިބީ ޕްރީ ސީޒަނަށް އެމެރިކާގަ އެވެ. އެކަމަކު ޒިންޗެންކޯގެ މެޑިކަލް ފުރިހަމަކޮށް، ޓްރާންސްފާގެ ކަންކަން ނިންމަން މި ހަފުތާގެ ތެރޭގައި އެނބުރި އިނގިރޭސި ވިލާތަށް ދާން ޖެހެ އެވެ.

ޒިންޗެންކޯ އަކީ ޕެޕް ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވެ، އެ ޓީމަށް އެންމެ ފުރަތަމަ ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސިޓީ އަށް 128 މެޗު ކުޅެދީފަ އެވެ. ޖީސަސް ގެންދިޔައީ އެ ސީޒަނުގެ މެދުތެރެއިންނެވެ.

އާސެނަލްގެ މިހާރުގެ ކޯޗު މިކެލް އާޓެޓާ ވަނީ އެ ޓީމާ ހަވާލުވުމުގެ ކުރިން، ގާޑިއޯލާގެ އެސިސްޓެންޓެއް ގޮތުގައި ސިޓީގައި ޒިންޗެންކޯ އާއި ޖީސަސް އަށް ވެސް އިރުޝާދު ދީފަ އެވެ.

ސިޓީ އަށް ބަދަލުވެ، ފުރަތަމަ ސީޒަނުގައި ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅެފަ އެވެ. އެ އަށް ފަހު ކުޅުނު ފަސް ސީޒަނުގައި އޭނާ ވަނީ ހަތަރު ޕްރިމިއާ ލީގާއި ހަތަރު ލީގް ކަޕްގެ އިތުރުން އެއް ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޒިންޗެންކޯ ވިއްކާލުމަށް ފަހު، ސިޓީން އަންނަނީ ބްރައިޓަން އަށް ކުޅޭ ސްޕެއިންގެ ޒުވާން ވާތުބެކް މާކް ކުކުރެލާ ހޯދަން ތައްޔާރު ވަމުންނެވެ.

އާސެނަލް ވަނީ ޒިންޗެންކޯ އާއި ޖީސަސްގެ އިތުރުން، ޕޯޓޯ އަށް ކުޅޭ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ފަބިއޯ ވިއޭރާ އާއި ސައޯ ޕަޮލޯ އަށް ކުޅޭ ބްރެޒިލްގެ ޒުވާން ފޯވާޑް މާކީނިއޯސްގެ އިތުރުން އެމެރިކާގެ ގައުމީ ޓީމަށް ކުޅޭ ގޯލް ކީޕަރު މެޓް ޓާނާ ވެސް ގެންގޮސްފަ އެވެ.