19 ޖުލައި 2022 - 18:06

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާ އަށް ދިޔަ ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު 453 ދިވެހިން މައްކާ އަށް ދިޔަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ 157 ހައްޖުވެރިން، ހޮނިހިރު ދުވަހު 175 ހައްޖުވެރިން އަދި އަންނަ ހަފުތާގެ ބުދަ ދުވަހު 117 ހައްޖުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.
ހައްޖުވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައްޖުވެރިން ބަލާ އެއާޕޯޓަށް ދާން ބޭނުންވާ މީހުންނަަށް ސަރުކާރުން ހިލޭ ދަތުރު ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މައްކާގައި ތިބި ހުރިހާ ދިވެހިން މިހާރު ވަނީ ހައްޖުގެ އަޅުކަން ނިންމައިފަ އެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ހައްޖުމިޝަނާ ހަވާލާދީ އެ މިނިސްޓްރީން ބުންޏެވެ.