25 ޖުލައި 2022 - 10:24

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެކަނި ހެޔޮލަފާ ވިޔަސް ގައުމު ރަނގަޅެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަނެއްކާވެސް ތަފާތު ޓުވީޓެއް ރޭ ދަންވަރު ކުރައްވައިފި އެވެ.
ފަހަކަށް އައިސް ވަރަށް ގިނަ ސިޔާސީ ޓުވީޓުތަކެއް ކުރައްވަމުން ގެންދަވާ އިމްރާން ރޭ ދަންވަރު 1:00 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސަކީ ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވެގެން ނޫނީ ގައުމު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.
ހަމަ އެގޮތަށް ސަރުކާރުގައި ތިއްބަވާ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅެއް ނުވާނެ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.
ސަރުކާރަށް އަމާޒުކޮށް އިމްރާން އެފަދަ ޓުވީޓްތައް ކުރައްވާ ސަަބަބެއް ނޭނގެ އެވެ. އެކަމަކު، މި ސަރުކާރުގެ މިވީ ތިން އަހަރާއި ބައިގައި ސިޔާސީ ހަރަކާތްތަކާ ދުރުވެ، ހިމޭނުން ހުންނެވި އިމްރާންގެ ސިޔާސީ ޓުވީޓްތައް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު މާ ގިނަ އެވެ. އެ ކަން އެތައް ބަޔަކު ވެސް އަންނަނީ ފާހަގަކުރަމުންނެވެ.
ބައެއް މީހުން ބުނާގޮތުން ނަމަ އިމްރާންގެ "ތަފާތު" ޓްވީޓުތައް މާ ބޮޑަށް ގިނަވެގެން އުޅެނީ ހޯމް މިނިސްޓަރުކަމުން އޭނާ ވަކިކުރައްވައި އެހެން މަގާމަކަށް ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވާތީ އެވެ. އެކަމަކު އެ ކަމާ ގުޅޭ ގޮތުން ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ.
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ނުކުތް ޝައިހުން ހައްޔަރުކުރި މައްސަލައިގައި ވެސް އިމްރާން ވަނީ "ހޫނުފެނަށް" ވެއްޓިފަ އެވެ.
އިމްރާން ވަނީ އަދާލަތު ޕާޓީ އާއި އެ ޕާޓީން ސަރުކާރުގައި ތިބެ ކުރާ މަސައްކަތްތައް ދިފާއު ކުރައްވައި ކުރިން ޓުވީޓު ކުރައްވައިފަ އެވެ. އަދި އެ ޕާޓީ އާ އެއްވަރަށް އެހެން އެއްވެސް ބަޔަކު ދީނީ މަސައްކަތް ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ.