ޗެލްސީ އަދި ތައްޔާރެއް ނޫން، އިތުރު ކުޅުންތެރިން ބޭނުން: ޓުޗެލް
ޗެލްސީ އަދި ތައްޔާރެއް ނޫން، އިތުރު ކުޅުންތެރިން ބޭނުން: ޓުޗެލް

ފްލޮރިޑާ (ޖުލައި 25) - އާ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ދެ ހަފުތާ ފަހުން ކުޅެން ޖެހޭއިރު ވެސް ޗެލްސީ ތައްޔާރު ނުވާ ކަމަށާއި އެ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސް މައްސަލަ އެވެ. އެ ޓީމުގެ ޑިފެންސަށް ކުޅުނު މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އެންޓޯނިއޯ ރޫޑިގާ އާއި އެންޑްރެއަސް ކްރިސްޓެންސެން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އަށް ބަދަލުވެފަ އެވެ. މެންޗެސްޓާ ސިޓީ އަށް ކުޅުނު ރަހީމް ސްޓާލިން އަދި އިންޓަ މިލާން އަށް ކުޅުނު ޑިފެންޑަރު ކަލީދޫ ކުލިބާލީ ލައްވައި ޗެލްސީން ވަނީ ސޮއި ކޮށްފަ އެވެ.

"އަދި ވެސް އަހަރެން ހިތްހަމަޖެހޭ މިންވަރާ ގާތް ވެސް ނުވޭ. އެކަށީގެންވާ ވަރަށް އަހަރެމެން އަދި ވަރުގަދަ އެއް ނުވޭ. ސްކޮޑްގައި އުފެދެންޖެހޭ ވާދަވެރިކަމެއް ނުފެނޭ،" ޓުޗެލް ބުންޏެވެ.

އޭނާ ބުނީ އޭނާ އެ ވާހަކަ ދައްކަނީ މިދިޔަ ސީޒަންގައި ޗެލްސީ އަށް އުނދަގޫ ކުރިމަތިވި މެޗުތަކާއި އުނދަގޫ ދަނޑިވަޅުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި މިދިޔަ ސީޒަންގައި އެޓީމަށް އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކާއެކު ކްލަބް ދޫކޮށްލަން ނިންމި ކުޅުންތެރިން ކްލަބް ދޫކޮށްލުމަކީ ވެސް ޗެލްސީ އަށް ކުރިމަތިވި މައްސަލައެއް ކަމަށް ޓުޗެލް ބުންޏެވެ.

"މިހާރު ވެސް ބައެއް ކުޅުންތެރިން ދަނީ ކްލަބް ދޫކޮށްލަން ވިސްނަމުން،" ޓުޗެލް ބުންޏެވެ.

"އެހެންވީމާ އަހަރެމެންނަށް އެބަ ބޭނުންވޭ އެކަށީގެންވާ އަދަދަކަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން. އަހަރެމެންނަށް ލިބުނު ރަނގަޅު ފެންވަރުގެ ދެ ކުޅުންތެރިން އެކަމަކު އަދި ވެސް އަހަރެމެންގެ ސްކޮޑްގައި އަހަރެން ބޭނުންވާ ފެންވަރުގެ ވާދަވެރިކަމެއް ނެތް."

ސެވިއްޔާގެ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ގަންނަން ވެސް ޗެލްސީން މަސައްކަތް ކުރި އެވެ. އެކަމަކު މިހާރު ސެވިއްޔާއިން ވަނީ ކޫންޑޭ ބާސެލޯނާ އަށް ވިއްކާލުމަށް އެއްބަސް ވެފަ އެވެ. ޕްރީ ސީޒަން ފްރެންޑްލީގައި އާސެނަލްއާ ދެކޮޅަށް 4-0 ން ބަލިވި މެޗުގެ ފަހު 15 މިނެޓްގައި ޓުޗެލް ވަނީ ކުލިބާލީ އަށް ފުރުސަތު ދީފަ އެވެ.

މެޗަށް ފަހު އޭނާ ބުނީ އެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ޗެލްސީގެ ކުޅުންތެރިޔަކީ ކުލިބާލީ ކަމަށެވެ.