28 ޖުލައި 2022 - 08:06

ސްޓާ ޕްލަސް އިން ދައްކާ ކާމިޔާބު ޝޯ، "އަނުޕަމާ" ގައި ސަމަރުގެ ރޯލުގައި އުޅޭ ޒުވާން ތަރި، ޕަރަސް ކަލްނަވަތު، އެ ޝޯ އިން ބޭރުކޮށްލައިފި އެވެ.

ސްޓާ ޕްލަސް އިން މީގެ ކުރިން ދެއްކި ގިނަ ޝޯތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ ޕަރަސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި ވަނީ އެހެން ޗެނަލްއަކުން ދައްކާ، ޑާންސް ރިއަލިޓީ ޝޯއެއް ކަމަށްވާ، "ޖަލަކް ދިކްލާޖާ" ގެ ދިހަ ވަނަ ސީޒަންގައި ސޮއިކުރުމުންނެވެ.
"އަނުޕަމާ" ގެ ޕްރޮޑިއުސަރުން ބުނާ ގޮތުގައި ޕަރަސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ޖެހުނީ، އެއްބަސްވުމާ ހިލާފަށް އޭނާ އަމަލުކުރުމުންނެވެ. އެހެން ޝޯއެއްގައި މަސައްކަތްކުރަން އޭނާ އެއްބަސްވީ އެ މީހުންނާ ވާހަކަ ނުދައްކާ ކަމަށްވެ އެވެ.
އެ ޕްރޮޑަކްޝަން ހައުސް އިން ބުނީ ޕަރަސްގެ ނިންމުމާ ގުޅިގެން ހައިރާންކަން ލިބުނީ އަނުޕަމާގެ ޓީމުން އޭނާ އެހެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ހުރަސް ނާޅާއިރު ވެސް އެންގުމެއް ނެތި އެގޮތަށް އަމަލުކުރުމުން ކަމަށެވެ. މީގެ ކުރިން ވެސް އެހެން ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް އޭނާއަށް ފުރުސަތު ދިން ކަމަށްވެ އެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ޕްރޮޑަކްޝަން ހައުސްއެއްގެ ހައިސިއްޔަތުން އެއްބަސްވުމާ ހިލާފުވާއިރު އަޅާނުލާ ނުތިބޭނެ ކަމަށެވެ. އޭނާގެ އެއްބަސްވުން އުވާލިޔަސް ކާމިޔާބީއަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ޕަރަސް ބުނީ އަނުޕަމާގައި އޭނާގެ ކެރެކްޓާއަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އަދި އޭނާގެ ސްކްރީން ވަގުތު ކުޑަކޮށް އާއިލާ މެމްބަރެއްގެ ގޮތުގައި ބެކްގްރައުންޑުގައި ކަމެއް ނުކޮށް ހުންނަން ބޭނުން ނުވާތީ އެ ވާހަކަ ދައްކާފައިވާނެ ކަމަށް ވެސް ބުންޏެވެ. ޑާންސް ޝޯ އިން ފުރުސަތު ލިބުނު ވާހަކަ ވެސް އެންގި ކަމަަށް އޭނާ ބުންޏެވެެ.
ޕަރަސް ވަނީ "މޭރީ ދުރްގާ" އާއި "މަރްޔަމް ހާން ރިޕޯޓިން ލައިވް" އަދި "ދިލް ހީ ތޯ ހޭ" ކަހަލަ ޝޯތަކުގައި މަސައްކަތްކޮށްފަ އެވެ.