ސިޓީ އަކީ ގާޑިއޯލާ ކޯޗުކޮށްދޭ ފަހު ޓީމަށް ވުން ގާތް
ސިޓީ އަކީ ގާޑިއޯލާ ކޯޗުކޮށްދޭ ފަހު ޓީމަށް ވުން ގާތް

މެންޗެސްޓާ (ޖެނުއަރީ 3) - މެންޗެސްޓާ ސިޓީ އަކީ އޭނާ ކޯޗުކޮށްދޭ ފަހު ޓީމަށް ވުން ގާތް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 10 ކުޅުންތެރިންނާ އެކު ކުޅެ، 2-1 އިން ބާންލީ ބަލިކޮށްފަ އެވެ. ގާޑިއޯލާ ބުނީ ލީގާ މެދު ސިޓީ ވިސްނަން ފަށާނީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ފަހު ކަމަށެވެ.

"ފުރަތަމަ އަހަރެމެން ވިސްނަންވީ އަހަރެމެންގެ އަމިއްލަ ފޯމު ރަނގަޅުކުރަން. ދެން ކުރިއަށް ގޮސްގެން ލީގާ މެދު ވިސްނެން އޮތީ. އިއްޔެ އަހަރެމެންނަށް ލީގުގެ ފުރުސަތު ގެއްލުނުހެން ހީވިޔަސް އަހަންނަކީ އަބަދުވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރާ ކޯޗެއް،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި ރޭ ހޯދި މޮޅާ އެކު ސިޓީ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

ގާޑިއޯލާ ބުނީ އޭނާގެ އުމުރުން 60 އަހަރާ ހަމައަށް ކޯޗިން ގައި އުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އެއްގޮތަކަށް ވެސް އަހަރެންގެ ވިސްނުމެއް ނެތް އުމުރުން 60 ނޫނީ 65 އަހަރު ވަންދެން ބެންޗުގައި ޓީމަކަށް އިރުޝާދުދޭން ހުންނާކަށް. ކުރިޔަށް އޮތް ދޭއް ނުވަތަ ތިން ސީޒަނުގައި ސިޓީ އަށް ކޯޗުކޮށްދީފައި ދެން އަހަރެން ރިޓަޔާކުރުމުގެ ވިސްނުން ވެސް އެބަހުރި،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް އިރުޝާދުދިން ގާޑިއޯލާ ބުންޏެވެ.

ކޯޗިން ކެރިއަރުގައި މިހާތަނަށް ކޯޗުކޮށްދިން ދެ ޓީމުގައި ވެސް ޖެހުނީ އެއް ވަަނަ މަގާމް ދިފާއުކުރަން ކަމަށާއި މިހާރު ސިޓީއާ އެކު މަސައްކަތް ކުރަމުން އަންނަނީ މަތީގައި އޮތް ޓީމަކާ ހަމަކުރަން ކަމަށް ވުމުން އުނދަގޫތަކެއް ހުރިކަން ގާޑިއޯލާ ފާހަގަކުރި އެވެ.

"އަހަރެން ކުރިން ކޯޗު ކޮށްދިން ދެ ޓީމު (ބަޔާން އާއި ބާސެލޯނާ)ގައި އަހަރެން އޮތީ އެންމެ ކުރީގައި. އެ މަގާމު ދިފާއުކުރަން. އެކަމު ސިޓީގައި މި ޖެހުނީ މަތީގައި އޮތް ބޮޑެތި ޓީމުތަކާ ހަމަކުރަން. މިއީ އަހަންނަށް އާ ޗެލެންޖެއް،" ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީގެ ބްރެޒިލް މިޑްފީލްޑަރު ފެނާންޑީނިއޯ އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން ގާޑިއޯލާ ބުނީ ރެފްރީގެ ނިންމުން އެންމެ ރަނގަޅު ނޫން ކަމަށެވެ.