04 އޯގަސްޓް 2022 - 07:42

ޓީވީ ޑްރާމާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ މުރްނާލް ތާކުރްގެ ލޯބިވެރިޔާ އޭނާ ދޫކޮށްލީ ފިލްމު ކުޅޭތީ ކަމަށް އޭނާ ބުނެފި އެވެ.

މުރްނާލްގެ އެންމެ ފަހުގެ ފިލްމު، "ޖޯޒީ" ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން އޭނާ ވަނީ ލޯބީގެ ދިރިއުޅުމާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ. މިހާތަނަށް މީހަކާ ރައްޓެހިވިކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވާ މުރްނާލް އެ އިންޓަވިއެއްގައި ބުނީ އޮގަސްޓް 2021 ގެ ނިޔަލަށް އޭނާ އުޅުނީ މީހަކާ ރައްޓެހިވެގެން ކަމަށެވެ.
އެ މީހުން ރުޅިވީ ކީއްވެތޯ ސުވާލުކުރުމުން މުރްނާލް ބުނީ، ޖެހުނު އެންމެ ބޮޑު މައްސަލައަކީ އޭނާއަކީ އެކްޓްރެސްއަކަށްވުން ކަމަށެވެ.
މުރްނާލް ބުނި ގޮތުގައި އޭނާއަކީ އެކްޓްރެސްއަކަށްވާތީ، ރައްޓެހިވެގެން އުޅުނު މީހާއަށް ވަރަށް އުނދަގޫވެ އެވެ. އެހެންވެ އެކަމާ ޑީލްނުކުރެވިގެން ދެމީހުން ވަކިވީ ކަމަށް ބުނެ މުރްނާލް އެ މީހާ ސިފަކުރީ ވަރަށް ކުރީގެ ވިސްނުމުގެ މީހެއްގެ ގޮތުގަ އެވެ.
އެ ގުޅުން ނިމުމަކަށް އައީ ރަނގަޅަށް ކަމަށާއި އެމީހުން އެކުގައި އުޅެ ދަރިން ލިބުނު ނަމަ، ދެ މީހުން ކުދިން ގެންގުޅޭނެ ގޮތް ވަރަށް ތަފާތުވާނެ ކަމަށް ވެސް މުރްނާލް ބުންޏެވެ.
އެ އިންޓަވިއުގައި މުރްނާލް ވަނީ ރަނގަޅު ބައިވެރިއަކާ އެކު މުޅި އުމުރު އުޅުމަށް، ނުބައި ބައިވެރިންނާ އެކު ވެސް އުޅެންވާނެ ކަމަށާއި އޭރުން އޭނާއަށް ކުރިމަގުގައި ރަނގަޅަށް ކަންކަން އެނގޭނެ ކަމަށެވެ.
ކުރީގެ ބައިވެރިޔާއަށް މުރްނާލް ފާޑުކިޔަސް އެއީ ކާކު ކަމެއް ނުބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މުރްނާލް މިހާރު އުޅެނީ، އޭނާއާ އެކު "ކުމްކުމް ބާގްޔާ" ގައި އުޅުނު ތަރި، އަރްޖިތު ތަނޭޖާ އާ ރައްޓެހިވެގެންނެވެ. އެމީހުން ވަރަށް ސީރިއަސް ގުޅުމެއްގައި އުޅޭ ކަމަށް ބުނާއިރު މިއީ އެ ޝޯގައި މަސައްކަތްކުރިއިރު ވެސް ވަރަށް ގާތް ދެ ރައްޓެހިންނެވެ.
ޓީވީ ޑްރާމާތަކުގެ އިތުރުން މަރާޓީ ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރި މުރްނާލްއަށް ބޮލީވުޑުން ވެސް ގިނަ ފުރުސަތުތަކެއް ދަނީ ލިބެމުންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ސީތާ ރަމަމް" އެވެ. ތެލުގޫ އެ ފިލްމު ރިލީޒްކުރާނީ މި ހުކުރުގަ އެވެ.