04 އޯގަސްޓް 2022 - 15:01

ޑޮމެސްޓިކް އެއާލައިންތަކުގައި ބޭނުންކުރާ ބޯޓުތަކުން ބަލި މީހުން އުފުލޭ ގޮތް ހަދަން އެއާލައިންތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.
ސިވިލް އޭވިއޭޝަންގެ ސީނިއާ އެއާވާދިނަސް އިންޖީނިއާ އަދި އިންފޮމޭޝަން އޮފިސަރު އިބްރާހިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެއާލައިންތަކުގައި ބަލި މީހުން އުފުލޭ ގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި އިންތިޒާމުތައް ހަމަޖެއްސުމަށް އެއާލައިންތަކަށް އަންގަން، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ އެންގެވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ތިން އެއާލައިނެއް ބޭނުންކުރެ އެވެ. އެއީ، މޯލްޑިވިއަންގެ އިތުރުން އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އަދި ފްލައިމީ އެވެ. މި އެއާލައިންތަކުގެ ތެރެއިން ބަލި މީހުން އުފުލެނީ ގައުމީ އެއާލައިނަށް އެކަންޏެވެ.
ބޯޓުތަކުން ބަލި މީހުން އުފުލޭ ގޮތަށް ބަދަލުކުރަން އެންގިއިރު، ސްޓެޗަރުގައި ދ. ކުޑަހުވަދޫން މަންޓާގެ ބޯޓަކުން ބަލި މީހުން މާލެ ފޮނުވައިނުދިން މައްސަލަ ވަރަށް ހޫނުވި އެވެ. އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ރަށުގައި ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލަ ހައްލުކުރުމަށް މަންޓާގެ އިސްވެރިން ރޭ ކުޑަހުވަދު އަށް ވަޑައިގެން، ކައުންސިލާއި ރަށުގެ އާއްމުންނާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުން ނިންމާލީ، ރައްޔިތުން އެދުނު ގޮތަށް އެ އެއާލައިންގެ ބޯޓުތަކުގައި ބަލި މީހުން އުފުލޭ އިންތިޒާމް ހަމަޖައްސައިދޭ ގޮތަށެވެ.
އެ ކުންފުނިން ވަނީ ދުވާލުގެ ވަގުތެއްގައި މީހަކަށް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ މަންޓާގެ ސީޕްލޭންގައި ދަތުރުކޮށްދިނުމަށް ނިންމައިފަ އެވެ. އަދި ރޭގަނޑުގެ ވަގުތެއްގައި މީހަކު ބަލިވެއްޖެނަމަ ދަތުރުކުރުމުގެ ކަންކަން މޯލްޑިވިއަން އެއާލައިނާ ގުޅިގެން ކުރުމަށް ވެސް ވަނީ ނިންމައިފައި ވެ އެވެ.