08 އޯގަސްޓް 2022 - 06:52

ބޮލީވުޑްގެ ޖޯޑު، އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ކުޅުނު ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" ގެ ޕްރޮމޯޝަން އިވެންޓުގައި އާލިއާ ބަޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އާލިއާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ރަންބީރާއި އޭނާއަށް ފުރަތަމަ ދަރިފުޅު ލިބޭކަން އިއުލާންކުރި ފަހުން އޭނާގެ ބަނޑު އެނގޭ ގޮތަށް ހެދުމެއް ލައިގެން ފެނުނު ފުރަތަމަ ފަހަރަށް ވުމުންނެވެ. ދަރިއަކު ލިބޭކަން އިއުލާންކުރި ފަހުން އާންމުކޮށް އާލިއާ ފެނުނީ ގަޔަށް ދޫ ހެދުން ލައިގެން އުޅުނު ތަނެވެ.
އެކަމަކު އެ އިވެންޓުގައި އޭނާ ހީލްއަކަށް އަރައިގެން ހުރުމުން ސަޕޯޓަރުން ވަނީ ކަންބޮޑުވެ ވާހަކަ ދައްކައިފަ އެވެ. އަދި ބަނޑުބޮޑު މީހުން ހީލް އަށް އެރުން ރައްކާތެރި ނޫން ކަމަށް ބުނެ ކޮމެންޓްތައް ކުރި އެވެ.
ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު "ބްރަހްމަސްތުރާ" އަކީ އާލިއާ އާއި ރަންބީރު އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. އަދި އެމީހުން ރައްޓެހިވީ ވެސް އެ ފިލްމު ސެޓުން ދިމާވެ، އެކަކު އަނެކަކު ކަމުގޮސްގެންނެވެ.
ވިޝުއަލް އިފެކްޓްސްގެ ބުރަ މަސައްކަތެއް ވެސް ފެންނަ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 9 ގަ އެވެ. މިއީ މިއަހަރު ރިލީޒްކުރާ އެންމެ އަގުބޮޑު އެއް ފިލްމެވެ.
ފިލްމުގައި މަޝްހޫރު ތަރި، އަމީތާބު ބައްޗަން އާއި ނަގަރުޖުނާ އަކިނޭނީ އަދި މޯނީ ރޯއީ ފެންނާނެ އެވެ.