09 އޯގަސްޓް 2022 - 13:21

ފަލަސްތީނުގެ ވެރިކަން ކުރާ، އަދި އެ ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަތަހް ޖަމާއަތުގެ އަސްކަރީ ގޮފި، އަލްއަގްސާ މާޓިޔާޒް ބްރިގޭޑްގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް ނާބުލްސީ، އިޒްރޭލު ސިފައިން މިއަދު ފަތިހު ދިން ހަމަލާތަކެއްގައި ޝަހީދުކޮށްލައިފި އެވެ.

ހުޅަނގު އައްސޭރީގެ ނާބުލްސް އަށް އިޒްރޭލު ސިފައިން މިއަދު ފަތިހު ވަދެ، ޝައްކު ކުރެވޭ ގެއެއް ހިސޯރުކުރުމާއެކު، ފަލަސްތީނުގެ އާންމުން އެ ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރަން ފެށި އެވެ. އެއާ އެކު އިޒްރޭލު ސިފައިން އިތުރު އިންޒާރަކާ ނުލައި ބަޑިން ހަމަލާ ދޭން ފެށީ އެވެ.

އިޒްރޭލު ސިފައިންނަށް ޝައްކު ކުރެވެނު އިމާރާތުގެ ތެރޭގައި، "ނާބުލްސްގެ ސިންގާ"ގެ ނަމުން މަޝްހޫރު އިބްރާހީމް ނާބުލްސީ އާއި އޭނާގެ ގާތް ބައެއް އެކުވެރިން ތިއްބެވެ. އިޒްރޭލު ސިފައިން އެ އިމާރާތް ހިސޯރުކޮށް، އެ އިމާރާތުގެ ތެރޭގައި ތިބި ހަނގުރާމަވެރިން އަމާން ދިނުމަށް އެންގުމާއެކު ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރަން ފެށުނެވެ.
ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރަމުން ދަނިކޮށް، ނާބުލްސީގެ އަޑުން ރެކޯޑް ކޮށްފައިވާ މެސެޖެއް އޮންލައިންކޮށް ޕަބްލިޝްކުރި އެވެ. އެ އޯޑިއޯ މެސެޖްގައި ނާބުލްސީ ބުނެފައިވަނީ؛ "ކަލޭމެން އެންމެން ދެކެ އަހަރެން ވަރަށް ލޯބިވޭ. މިހާރު އަހަރެން މި ތައްޔާރުވަނީ ޝަހީދެއްގެ ގޮތުގައި މަރުވުމަށް. ކަލޭމެން ފަލަސްތީނު ރައްޔިތުންގެ ކިބައިން އަހަރެން އެދެނީ، ކަލޭމެންގެ ހަތިޔާރުތައް އެއްގޮތަކަށް ވެސް ނުބެހެއްޓުމަށް. އަހަރެންގެ މަންމަ ދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަންނަށްޓަކައި ދުއާ ކޮށްދީ."
ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނި ގޮތުގައި ނާބުލްސީ ޝަހީދުކޮށްލުމަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އެ ވަގުތު ނާބުލްސީއާ އެކުގައި ތިބި ހަނގުރާމަވެރިންގެ ތެރެއިން ވެސް އިތުރު މީހަކު ޝަހީދުވި އެވެ. ރޭގެ ހަމަލާތަކުގައި ފަލަސްތީނުގެ 42 މީހަކު ޒަޚަމްވި އިރު އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަް ރެޑް ކްރެސެންޓުން ބުންޏެވެ.
ނާބުލްސީ ޝަހީދުކޮށްލުމަށް ހަމަލާ ދިން، އިޒްރޭލުގެ އަސްކަރިއްޔާގެ ކައުންޓަ ޓެރަރިޒަމް ޔުނިޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ނާބުލްސީ އާއި އިތުރު ހަނގުރާމަވެރިން ތިބި އިމާރާތުގެ ތެރެއިން ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި އިތުރު ހަތިޔާރުތަކެއް ފެނުނެވެ.
އަސްލު ވަޒަން ބޭނުންކޮށްގެން އިޒްރޭލު ސިފައިން ރޭ ދިން ހަމަލާތަކުގައި، އެ ސަރަހައްދުގައި ތިބި އާންމުންގެ ތެރެއިން ޒަޚަމްވި ގިނަ މީހުންގެ ގަޔަށް ވަޒަން އަރާފައި ހުރީ އެމީހުންގެ ބުރަކައްޓަށެވެ. އަދި ބައެއް މީހުންގެ އަތަށާއި ފަޔަށް ވެސް، އަސްލު ވަޒަން އަރާފައި ހުއްޓެވެ.
އިބްރާހީމް ނާބުލްސީ ޝަހީދުކޮށްލުމަށް، މީގެ ހަތަރު މަސްދުވަސް ކުރިން ވެސް އިޒްރޭލު ސިފައިން ހަމަލާއެއް ދިނެވެ. އެފަހަރުގެ ހަމަލާގައި ވެސް ބައެއް މީހުން ޝަހީދުވި އިރު، ނާބުލްސީ ވަނީ ސަލާމަތް ވެފަ އެވެ.
އޭގެ ފަހުން އަގްސާ މާޓިޔާޒް ބްރިގޭޑްގެ ހަނގުރާމަވެރިން ވަނީ އިޒްރޭލު ސިފައިންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ނާބުލްސީ ޝަހީދުކޮށްލުމަށް އިތުރު އަސްކަރީ ހަރަކާތްތަކެއް އިޒްރޭލު ސިފައިން މިދިޔަ ޖުލައި މަހު ވެސް ހިންގި އެވެ.
އެ ގޮތުން ޖުލައި މަހުގެ 23 ވަނަ ދުވަހު ވެސް، ނާބުލްސީ އާއި އޭނާގެ ގާތް އެކުވެރިން ތިބި އިމާރާތެއް ހިސޯރުކުރަން އިޒްރޭލު ސިފައިން މަސައްކަތް ކުރަމުން ދަނިކޮށް، ނާބުލްސީ އާއި އޭނާގެ އެކުވެރިން ވަނީ ފިލައިފަ އެވެ. އެ ދުވަހުގެ ހަމަލާގައި ވެސް އެ ޖަމާއަތުގެ ދެ ހަނގުރާމަވެރިއަކު ޝަހީދުވި އެވެ.
އެ ދުވަހުގެ ހަމަލާގައި ޝަހީދުވި ދެ ހަނގުރާމަވެރިންގެ ޖަނާޒާ އޭގެ ދެ ދުވަސް ފަހުން ނާބުލްސްގެ މަގުތަކުގައި ބޭއްވި އިރު، އެ ޖަނާޒާގައި ވެސް ނާބުލްސީ ބައިވެރިވި އެވެ.
ނާބުލްސީގެ ހަނގުރާމަވެރި ޔުނިޓްގައި ގިނައިން ތިބީ ޒުވާނުން ކަމަށްވާ އިރު، އޭގެ ތެރެއިން އެންމެ އިސްކޮށް ތިބި ބައެއް ހަނގުރާމަވެރިން މިހާރު ވަނީ، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފަ އެވެ. ނާބުލްސީގެ ޔުނިޓްގައި 13-14 އަހަރުގެ ކުދިން ވެސް، ހަނގުރާމަވެރިންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ.