ރިޔާސީ އިންތިހާބާ ގުޅޭ ޕޯލެއް ދިވެހި ޗެނަލުން ބާއްވަނީ
ރިޔާސީ އިންތިހާބާ ގުޅޭ ޕޯލެއް ދިވެހި ޗެނަލުން ބާއްވަނީ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ޕޯލެއް ދިވެހި ޗެނަލުން ފަށައިފި އެވެ.

"ދިވެހިންގެ ނިންމުން 2023" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕޯލުގައި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އާންމުކޮށް އިއުލާނު ކުރައްވާފައިވާ ކެންޑިޑޭޓުންނާއި ވާދަކުރައްވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ ކެންޑިޑޭޓުން ހިމެނެ އެވެ.

ޕޯލުގެ ފުރަތަމަ ބުރުގައި ހިމަނާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނެ އެވެ.

އެ ބޭފުޅުންގެ އިތުރުން ވެސް އެހެން ބައެއް ކެންޑިޑޭޓުންގެ ނަންތައް ހިމެނެ އެވެ.

ދިވެހި ޗެނަލުން ބުނީ، ތިން ބުރަކަށް ބަހާލައިގެން ބާއްވާ އެ އެސްއެމްއެސް ޕޯލްގެ ފުރަތަމަ ބުރުގައި 12 ނަމެއް އާއްމުންގެ ވޯޓަށް ހުޅުވައިލާނެ ކަމަށެވެ. ދެ ވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ ހަ ކެންޑިޑޭޓެކެވެ. އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ތިން ކެންޑިޑޭޓުންނަށް ވޯޓުލޯމުގެ ފުރުސަތު ތިން ވަނަ ބުރުން ލިބޭނެ އެވެ. އަދި އެ ބުރުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ ދިވެހިންގެ ނިންމުމުގެ ގޮތުގައި އެ ޗެނަލުން ކަނޑައަޅާނެ ކަމަށް ބުންޏެވެ.

ދިވެހި ޗެނަލުން ބުނިގޮތުގައި، އެ ޕޯލުގެ ފުރަތަމަ ބުރަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަންނަ ހުކުރު ދުވަހުގެ ރޭ އަށެއް ޖެހުމާ ހަމައަށް އެސްއެމްސް މެދުވެރިކޮށް، އެ ޕޯލަށް ވޯޓުދެވޭނެ ކަމަށް އެ ޗެނަލުން ބުނެ އެވެ. ކޮންމެ ފޯނު ނަމްބަރަކުން ވެސް އެ ޕޯލަށް ކުރެވޭނީ އެއް އެސްއެމްއެސް އެވެ.

ކެންޑިޑޭޓުގެ ނަމާއި އެ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ގޮތުގެ ތަފްސީލު ދިވެހި ޗެނަލްގެ ފޭސްބުކު ޕޭޖުން ބަލައިލެވޭނެ އެވެ.

މިއީ ކުރިއަށް އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ފުރަތަމަ ޕޯލެވެ.

ނޯޓު: މިއީ ދިވެހި ޗެނަލްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.