ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހޭނެ: އިމްރާން
ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހޭނެ: އިމްރާން

ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެނެސްފިނަމަ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ. އަދި އެ ގަރާރު މިއަދު ވަނީ އާންމު ކުރައްވައިފަ އެވެ.

ބަރުލަމާނީގެ ބަހުސްގެ އަޑު ގަދަވެފައިވާ ވަނިކޮށް އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނި ނިޒާމަކީ މި ރާއްޖެއާ އެކަށޭނެ ނިޒާމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވެ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ބަރުލަމާނީ ނިޒާމު ގެނައުމަށް ޓަކައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ތާއީދު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، މިރޭ ފައްޔާޒް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގަން އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ނިޒާމަކީ އާ ގާނޫނުއަސާސީއާ އެކު ދެމިތިބި ރިޔާސީ ނިޒާމު ކަމަށެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމް ކަމަށް ތާއީދުކުރާ މީހެއް،" ފައްޔާޒް ވިދާޅުވި އެވެ.މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ނަމަވެސް، ނިޒާމް ބަދަލުކުރެއްވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، އެކަން ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.