18 އޯގަސްޓް 2022 - 18:55

އައްޑޫގައި ހުންނަ ހިރާ ސްކޫލުން އޯލެވެލް އިމްތިހާނު ހެދި ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން ހުރިހާ މާއްދާއަކުން އޭ އަދި އޭ ސްޓާ ހޯދައިފި އެވެ.

މީގެ 12 އަހަރު ކުރިން 52 ދަރިވަރުންނާ އެކު ހިރާ ސްކޫލް ފެށީ ހަމައެކަނި ޕްރީސްކޫލް ދަރިވަރުންނާ އެކުގަ އެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ރަންވަނަތަކެއް ހޯދައި ހިރާ ސްކޫލް ފަހުރުވެރިކޮށްދިނީ އެ ސްކޫލަށް ފުރަތަމަ ބެޗުގައި ޕްރީސްކޫލަށް ވަން ދަރިވަރުންނެވެ. އެއީ ފިރިހެން ދަރިވަރަކާއި ހަ އަންހެން ދަރިވަރުންނެވެ.
ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ މިއަދު "މިހާރު" އަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ގުރޭޑެއް ސްކޫލަށް ދިޔައީ އިތުރުކުރަމުން ކަމަށެވެ. އަދި އެ ދަރިވަރުންނަކީ ހިރާ ސްކޫލުގެ ފުރަތަމަ ދަރިވަރުންގެ ތެރޭގައި ހިމެނޭ ހަތް ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު އަޅުގަނޑުމެންނާ ޖޮއިން ކުރި ފަނަރަ ކުދިން. ދެން އެކި ސަބަބުތަކާ ހުރެ ބައެއް ދަރިވަރުން ސްކޫލް ބަދަލުވީމަ ހަތް ދަރިވަރުން މި ބެޗްގައި އޯލެވެލް ހެދީ،" ސިތާރާ ވިދާޅުވި އެވެ.
ސިތާރާ ވިދާޅުވި ގޮތުގައި އެ ހުރިހާ ދަރިވަރުން ވެސް ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ހޯދީ ހުރިހާ މާއްދާއަކުން ވެސް އޭ ނުވަތަ އޭ ސްޓާ އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ބެޗުގައި އެހާ ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކާމިޔާބީއެއް ކަމަށެވެ.
ނަމަވެސް ސިތާރާ ވިދާޅުވި ގޮތުގައި ސްކޫލްގެ އެންމެ ބޮޑު ޓާގެޓަކީ އޯލެވެލް އިމްތިހާނުން ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމެއް ނޫނެވެ. އެ ސްކޫލުން ކުދިން ތައްޔާރުކުރަން ބޭނުންވަނީ ދިރިއުޅުމަށް ކަމަށާއި ހަރުދަނާ ކުދިންތަކެއް މުޖުތަމައަށް ނެރުމަކީ ޓާގެޓު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިސާބަކުން ނޫން ގޯލް އެޗީވްވިތޯ ބަލަން ބޭނުންވަނީ، މުޖުތަމައަށް ނުކުމެ ދަރިވަރުންގެ އުޅުން ހުންނަ ގޮތުން އަޅުގަނޑުމެންގެ ގޯލް އެޗީވް ވާ ވަރެއް އެނގޭނީ،" ސިތާރާ ވިދާޅުވި އެވެ.
ސިތާރާ ވިދާޅުވީ އޯލެވެލްގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާކަމަށާއި ނަމަވެސް ހަމައެކަނި އޯލެވެލްގެ ނަތީޖާއަކުން ދަރިވަރުން ރަނގަޅު ކުދިންނަށް ނުހެދޭނެ ކަމަށެވެ. އެހެންކަމުން، ވަރަށް ބޮޑަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް އެ ސުކޫލުން އަބަދުވެސް މަސައްކަތް ކުރެ އެވެ.
ހިރާ ސްކޫލުގެ ކިޔެވުން މީގެ 10 އަހަރު ކުރިން ފެށީ 15 ދަރިވަރުންނާ އެކު ހަމައެކަނި ޕްރީސްކޫލަށެވެ. ނަމަވެސް އާބާދީ އާއި ގުރޭޑްތައް ގިނަކޮށް، މިހާރު 380 ދަރިވަރުން އެ ސްކޫލުގައި ކިޔަވަ އެވެ.
އެ ސްކޫލުން ދެވަނަ ބެޗުގައި އޯލެވެލް ހަދަން މިހާރު 13 ދަރިވަރުން އަންނަނީ ތައްޔާރުވަމުންނެވެ.