ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އަށް، ހޮޅުދޫ އަށް ދެވަނަ
ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އަށް، ހޮޅުދޫ އަށް ދެވަނަ

އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަން މުބާރާތުގައި ގުރޫޕްގެ ފަހު މެޗަށް ކުޑަފަރީ ފުޓްބޯޅަ ކްލަބު ހާޒިރު ނުވުމުން ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އަށް ލިބިއްޖެ އެވެ.

ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އަށް، ހޮޅުދޫ އަށް ދެވަނަ
ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫ އަށް، ހޮޅުދޫ އަށް ދެވަނަ

މިއަދު ކެނދިކުޅުދޫގައި ކުޅެން އޮތް މެޗަށް ކުޑަފަރީ ހާޒިރު ނުވުމުގެ ސަބަބުން ކެނދިކުޅުދޫ އަށް މެޗު ލިބުނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ވެސް ކެނދިކުޅުދޫ އިން ވަނީ އެއްވަނަ ޑިވިޝަނުގެ ޖާގަ ޔަގީން ކޮށްފަ އެވެ. ނަމަވެސް މި ނަތީޖާ އާއެކު އެޓީމަށް ވަނީ، ހަ މެޗުން 13 ޕޮއިންޓާ އެކު، ނ. އަތޮޅުގެ ޓީމުތައް ވާދަކުރާ ގުރޫޕް ސީގެ އެއްވަނަ ވެސް ލިބިފަ އެވެ. ކުޑަފަރީ ނިންމާލީ ހަތަރު ޕޮއިންޓާ އެކު، ގުރޫޕުގެ ފުލުގަ އެވެ.

ކެނދިކުޅުދޫ ޓީމުގެ މެނޭޖަރު މުހައްމަދު އަފީފް ބުނީ، ޓީމުން މުބާރާތަށް ނުކުތީ ވެސް އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުގެ މަގްސަދުގައި ކަމަށާއި، ޗެމްޕިއަނުންގެ ގޮތުގައި އެއްވަނަ ޑިވިޝަނަށް ކޮލިފައި ވުމަކީ ވަރަށް ބޮޑު އުއްމީދެއް ހާސިލް ކުރެވުން ކަމަށެވެ.

"ފަހު މެޗު ނުކުޅެ ނަމަވެސް އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި ދެން އޮތް ބުރަށް ކޮލިފައި ވުމަކީ ޓީމާއި ރަށުގެ ރައްޔިތުންނަށް އަދި އަޅުގަނޑަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް،" ކެނދިކުޅުދޫ ޓީމުގެ މެނޭޖަރު އަފީފް "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

"ވަރަށް ބޮޑު ހުވަފެނެއް ކޭކޭއެފްސީއާ އެކު އަތޮޅުގެ ޗެމްޕިއަންކަން ނެގުމަކީ، އެ އުއްމީދު މިއަދު ހާސިލްވެއްޖެ. އަދި ކެނދިކުޅުދޫގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުންވޭ އަޅުގަނޑުމެން ޓީމު އެންމެން ނަމުގައި."

މި ގުރޫޕްގެ ދެވަނަ ހޯދައިގެން، ކެނދިކުޅުދޫ އާ އެކު އެއްވަނަ ޑިވިޝަނަށް ދަތުރުކުރީ ހޮޅުދޫ ފުޓުބޯޅަ ކުލަބެވެ.

ހޮޅުދޫގެ ފަހު މެޗުގައި މިއަދު ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑެވެލޮޕްމެންޓާ ވާދަކުރި ފޯރި ގަދަ މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

މި ނަތީޖާއާ އެކު ހޮޅުދޫ އިން ނ. އަތޮޅުގެ ދެވަނަ ހޯދީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހޮޅުދޫ ބަލިކޮށްގެން މާޅެންދޫ އަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އެޓީމު ނިންމާލީ، ހަތް ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ނޯތު ލީގުގައި ދެން ބާކީ އޮތީ ރ. އަތޮޅުގެ ޓީމުތައް ވާދަކުރާ ގުރޫޕް ޑީގެ މެޗުތަކެވެ.

ތިން ގުރޫޕުގެ ކުޅުން ނިމިފައި ވާއިރު، މިހާތަނަށް ހަ ޓީމެއް ވަނީ އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދައިފަ އެވެ. އެއީ ކެނދިކުޅުދޫ އާއި ހޮޅުދޫގެ އިތުރުން، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓް، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބް، ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބް އަދި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ.

ރ. އަތޮޅުގެ ގުރޫޕުގައި ތިން ޓީމެއް ވާދަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އަލިފުށްޓާއި ދުވާފަރު އަދި އުނގޫފާރެވެ. މި ގުރޫޕުން ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ލިބޭނެ އެވެ. އަދި އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މި ގުރޫޕުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު އަލިފުށްޓާއި ދުވާފަރު ބައްދަލުކުރާނެ އެވެ.