22 އޯގަސްޓް 2022 - 14:51

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބާއްވާ "ތެވެލި ކޮންފަރެންސް 2022" މިއަދު ފަށައިފި އެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ތެވެލި" ކޮންފަރެންސަކީ ގައުމު ބިނާކުރުމަށް އެކި ދާއިރާތަކުން އިލްމީ ހޯދުންތައް ހޯދުމަށް ފަހު ތައްޔާރުކުރާ ޕޭޕަރުތައް ހުށަހެޅުމަށް ބާއްވާ ކޮންފަރެންސެކެވެ.
ރިސާޗު ޕޭޕަރު ހުށަހެޅުމުގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އިލްމީ މާހިރުން މި ކޮންފަރެންސްގައި އެކި މައުލޫތަކަށް ވާހަކަދައްކެވުމަށް ވަނީ ހަަމެޖެހިފަ އެވެ.
ކޮންފަރެންސާ ގުޅޭ ގޮތުން އެމްއެންޔޫ އިން ބުނީ، މި އަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިލްމީ އެތައް ބަޔަކު އެ ކޮންފަރެންސުގައި ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރު 200 އަށް ވުރެ ގިނަ ބައިވެރިން ހިމެނޭ ކަމަށާއި، ކޮންފަރެންސްގައި 65 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.
އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ މި އަހަރުގެ ކޮންފަރެންސްގައި މުހިންމު ގިނަ ދާއިރާތަކަކުން ކަރުދާސް ހުށަހަޅާފައިވާ ކަމަށެވެ. ޕަބްލިކް ހެލްތާއި، ޖެންޑާ އަދި އިންސާނީ ހައްގުތަކާއި ހައުސިން އަދި އިންފްރާސްޓްރަކްޗާ ފަދަ މުހިންމު ގިނަ ދާއިރާތައް މީގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި އެމްއެންޔޫ އަކީ ދިރާސީ ތައުލީމަށް ބާރުއަޅާ ޔުނިވާސިޓީއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ވެސް އެ ޔުނިވާސިޓީގެ ބައިނަލްއަގުވާމީ 12 ރިސާޗު ކުރިއަށްދާ ކަމަށެވެ. އަދި ގައުމީ 10 ރިސާޗު ކުރިއަށްދާކަން ވެސް ފާހަގަ ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖެގެ ކުރިއެރުމާއި ތަރައްގީއާ ގުޅުން ހުރި ދާއިރާތަކުން އިލްމީ ހޯދުންތައް ހޯދައި އެ ފަދަ ކޮންފަރެންސެއް ބޭއްވުމަކީ ގައުމުގައި ހުރި އެކި ދަތިތަކުން އަރައިގަނެވޭނެ ގޮތްތައް ހޯދުމަށް ކޮށޭ މަގެއް ކަމަށެވެ. އަދި އެ ކޮންފަރެންސުގައި ހުށަހަޅާ ހިޔާލުތަކުގެ ސަބަބުން، ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގިނަ ކަންތައްތަކަކަށް ބޭނުންވާ ހައްލު ހޯދުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެންޔޫގެ މި އަހަރުގެ ކޮންފަރެންސުގައި ރާއްޖޭގެ އިތުރުން، ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ކްރޮއޭޝިއާ އަދި ނައިޖީރިއާ ފަދަ ގައުމުތަކުން ވެސް ވަނީ ރިސާޗު ޕޭޕަރު ހުށަހަޅާފަ އެވެ. މި އަހަރުގެ އެ ކޮންފަރެންސަކީ އެމްއެންޔޫއިން ބާއްވާ 5 ވަނަ "ތެވެލި" ކޮންފަރެންސެވެ.
އެ ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 23ގެ ނިޔަލަށެވެ.