24 އޯގަސްޓް 2022 - 13:39

ކްރޯލީ، ސަސެކްސް (އޮގަސްޓް 24) - އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކްރޯލީ ޓައުން އިން 2-0 އިން ޕްރިމިއާ ލީގުގައި ކުޅޭ ފުލަމް ބަލިކޮށްފި އެވެ.
އީއެފްއެލް ލީގު 2 ގައި ކުޅޭ ކްރޯލީ ޓައުންގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ މުބާރާތުގެ ތިން ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެ ކުލަބުން ވަނީ ފުރަތަމަ ބުރުގައި، އީއެފްއެލް ލީގު 1 ގައި ކުޅޭ ބްރިްޓަލް ރޯވާސް ބަލިކޮށްފަ އެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގަށް ކޮލިފައިވެ، މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިނުވެ، ފުލަމް އިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލިވަޕޫލާއި ވުލްވްސް އަތުން ޕޮއިންޓެއް ހޯދި އިރު، ފަހު މެޗުގައި ވަނީ ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި އެ ޓީމުގެ ކުރިއަަށް ކުޅޭ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައި ވާއިރު، ލީގުގައި އެޓީމުގެ ކުރިއަށް ކުޅޭ މުހިއްމު ކުޅުންތެރިން ކަމުގައިވާ އަލެކްސެންޑާ މިޓްރޮވިޗް އާއި ބޮބީ ޑިކޯޑޮވާ-ރީޑް އާއި އަންޑްރެސް ޕެރޭރާ ޓީމަށް ނުނަގަ އެވެ.
މެޗުގައި ކްރޯލީ އިން ޖެހި ފުރަތަމަ ލަނޑު 16 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ޓޮމް ނިކޯލްސް އެވެ. އަދި ދެ ވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނިޓުގައި ޖަހައިދިނީ ލޯނު އުސޫލުން އެ ޓީމަށް ކުޅޭ ލިވަޕޫލްގެ ޒުވާޏް މިޑްފީލްޑަރު ޖޭމްސް ބަލަގީޒީ އެވެ.
އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގައި ކުޅޭ ކްރޯލީ ޓައުން މިވަގުތު އޮތީ 24 ޓީމު ވާދަކުރާ ލީގު 2 ގެ 23 ވަނައިގަ އެވެ.މިހާތަނަށް ލީގުގައި އެޓީމުން ފަސް މެޗު ކުޅެފައި ވާއިރު، ލިބުނީ އެންމެ ޕޮއިންޓެކެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން ޔޫރަޕުގެ މުބާރާތްތަކުގައި ވާދަ ނުކުރާ 13 ކުލަބާ އެކު ކުރިއަށްދާ ލީގު ކަޕް ދެވަނަ ބުރުގައި، މި ސީޒަނުގައި އަލަށް ވާދަކުރާ ނޮޓިންހަމް ފޮރެސްޓުން ވަނީ 3-0 އިން ގްރިމްސްބީ ޓައުން ބަލިކޮށްފަ އެވެ. އެވަޓަން އިން 1-0 އިން ފްލީޓްވުޑް ޓައުން ބަލިކުރި އިރު، އެސްޓަން ވިލާ އިން ވަނީ 4-1 އިން ބޯލްޓަން ވޮންޑަރާސް ބަލިކޮށްފަ އެވެ.
ސައުތެމްޓަން އާއި ކްރިސްޓަލް ޕެލަސް އާއި ވުލްވްސް އަދި ބްރެންޓްފޯޑް ވެސް މެޗު ކާމިޔާބު ކުރި އިރު، ބޯންމައުތާއި ލެސްޓާ ސިޓީގެ މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ބޯންމައުތުން ރަށުން ބޭރުގައި ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ވެގެން ޖެހި ޕެނަލްޓީގައި ކުރި ހޯދީ 5-3 އިންނެވެ.
ލެސްޓާ ސިޓީ އިން މި ބުރުގައި ކުޅެން ޖެހުނީ ރަށުން ބޭރުގައި، މިހާތަނަށް ފަސް މެޗު ކުޅެ އެންމެ މެޗެއް ކާމިޔާބުކޮށް ތިން ޕޮއިންޓާ އެކު ލީގު 21 ވަނައިގައި އޮތް ސްޓޮކްޕޯޓް ކައުންޓީއާ ދެކޮޅަށެވެ. މި މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު، ޕެނަލްޓީގައި މޮޅުވީ 3-1 އިންނެވެ. ލެސްޓާ ވެސް ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައި ވާއިރު ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.