25 އޯގަސްޓް 2022 - 07:51

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ވިކްރަމް ވެދާ" ގެ ޓީޒާ އާންމުކޮށްފި އެވެ.
ސޯޝަލް މީޑިއާއަށް ދޫކޮށްލި ގާތްގަނޑަކަށް ދެ މިނެޓްގެ އެ ޓީޒާގައި ރިތިކް ފެންނަނީ ގޭންގްސްޓާއެއްގެ ރޯލުންނެެވެ. އަދި ސައިފް ޕޮލިހެއްގެ ރޯލުން ފެންނައިރު އެ ދެ މީހުންގެ މެދުގައި ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް އެ ފިލްމުން ފެނެ އެެވެ.
އެ ފިލްމަކީ 2017 ގައި ރިލީޒްކުރި ތަމަޅަ ބްލޮކްބާސްޓާއެއް ކަމަށްވާ "ވިކްރަމް ވެދާ" ގެ ނަމުގައި ރިލީޒްކުރި ފިލްމުގެ ހިންދީ ރިމޭކެވެ. އޮރިޖިނަލް ފިލްމުގައި އާރް މާދަވަން ޕޮލިހުގެ ރޯލުން ފެނުނުއިރު ގޭންގްސްޓާއަކީ ތަމަޅަ ތަރި ވިޖޭ ސެތުޕަތީ އެވެ.
ހިންދީ ފިލްމު ޑައިރެކްޓްކުރަނީ ވެސް ތަމަޅަ ފިލްމު ޑައިރެކްޓްކުރި ޕުޝްކާރު އާއި ގަޔަތުރީ އެވެ.
ވިކްރަމް ވެދާއިން ރިތިކް އެނބުރި ފިލްމީ މަސައްކަތަށް އައިސްފައި މިވަނީ ތިން އަހަރު ފަހުންނެވެ. އޭނާ އެންމެ ފަހުން ފެނުނީ މީގެ ތިން އަހަރުކުރިން ރިލީޒްކުރި "ވާ" އިންނެވެ. ސައިފް އާއި ރިތިކް އެކުގައި ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތްކުރަމުން އަންނައިރު ސައިފް އެންމެ ފަހުން މަސައްކަތްކުރީ ބަންޓީ އޯރް ބަބްލީ 2 ގަ އެވެ.
އެ ފިލްމު ރިލިޒްކުރާނީ ސެޕްޓެމްބަރު 30 ގަ އެވެ.